ޚަބަރު
ނަޝީދަށް ދިން ހަމަލާ އަލުން ބަލަން 241 ކޮމިޓީން ނިންމައިފި
ކުރީގެ ރައީސް ނަޝީދު: ނަޝީދު އަވަހާރަކޮށްލަން، ދިން ހަމަލާގައި އެމަނިކުފާނު ވަރަށް ބޮޑަށް ޒަހަމްވި
ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މެއި 6، 2021 ގައި ދިން ބޮމުގެ ހަމަލާ ގައި ކަންހިނގި ގޮތް ބަލަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އިން ހެދި އިންކުއަރީގައި ފާހަގަވި މައްސަލަތައް ސަރުކާރުގެ ސަމާލުކަމަށް އަލުން ގެންނަން އެކޮމިޓީން ނިންމައިފި އެވެ.

އެ ކޮމިޓީން އެފަދައިން ނިންމީ ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ހެދި އިންކުއަރީގައި މައްސަލަތަކެއް ހުރިކަން ފާހަގަކޮށެވެ. އަދި ސަރުކާރުގެ ސަމާލުކަމަށް އެކަން ގެނައުމަށް އެ ކޮމިޓީގެ މެންބަރުންގެ އިއްތިފާގުން މިއަދު ވަނީ ފާސްކޮށްފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވަނީ މިފަހުން ސަލާމަކީ ހިދުމަތްތަކާބެހޭ ކޮމިޓީއަށް ނެޝަނަލް ކައުންޓާ ޓެރަރިޒަމްގެ ސެންޓަރުގެ ބޭފުޅުން ހާޒިރުކުރުމުން އެ ބޭފުޅުން ދެއްކި ބައެއް ވާހަކަތަކާ ގުޅޭގޮތުން ކަންކަން ސާފުކޮށްފަ އެވެ.

އެގޮތުން ޔުނިފޯމްއެޅި އިދާރާތަކުގެ މެދުގައި އިންޓެލިޖެންސާ ބެހޭ ކަންކަން ވިލަރެސް ކުރެވޭނެ ގޮތުގެ އިންތިޒާމެއް އަދިވެސް ހަމަޖެހިފައި ނެތްކަން ނެޝަނަލް ކައުންޓާ ޓެރަރިޒަމްގެ ސެންޓަރުގެ ބޭފުޅުން ފާހަގަކުރެއްވިކަން ނާޒިމް ފާހަގަ ކުރެއްވިއެވެ. 

"މިކަމަކީ ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީން ތައްޔާރުކުރި އިންކުއަރީ ރިޕޯޓްގައި ކުރުމަށް ރެކޮމެންޑް ކޮށްފައިވާ ކަމެއް" ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ ކޮމިޓީން ތައްޔާރުކުރި އިންކުއަރީ ރިޕޯޓުގައިވެސް އެންމެ ބޮޑު ކަމެއްގެ ގޮތުގައި ފާހަގަ ކޮށްފައިވަނީ ކަންކަން ވިލަރެސް ކޮށްފައި ނެތުމެވެ. އެހެންކަމުން އެކަން މިސަރުކާރުގެ ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް އަލުން ގެނައުމަށް އެދުވަހުވެސް ކޮމިޓީގެ މެންބަރުންގެ މެދުގައި ވާހަކަ ދެކެވުނުކަން ފާހަގަކުރައްވާ ނާޒިމް ވަނީ އެކަމާމެދު ކޮމިޓީގެ މުގައްރިރު ފިޔަވަޅެއް އަޅުއްވާފައިވޭތޯ ސުވާލު ކުރައްވާފަ އެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީގެ މުގައްރިރު އަހުމަދު ސަލީމް ވިދާޅުވީ އެކަމުގައި ސިޓީ ލިޔެ ނިންމާފައިވާ ކަމަށާއި އެ ސިޓީ މިއަދު ފޮނުވާލެވޭނެ ކަމަށެވެ.

ނަޝީދު އަވަހާރަަ ކޮށްލަން ހަމަލާއެއް ދިނީ އެމަނިކުފާނު ގެއިން ނުކުމެ ވަޑައިގެން ކާރުކޮޅަށް އަރާވަޑައިގަންނަވަން އުޅުއްވަނިކޮށް މާލޭގެ ނީލޯފަރުމަގާއި މަޖީދީ މަގު ކަންމަތީގައި ޕާކްކޮށްފައި އޮތް ސައިކަލެއްގައި ހަރުކޮށްފައި އޮތް އައިއީޑީއެއް ގޮއްވާލައިގެނެވެ. 

ނަޝީދު އަވަހާރަކޮށްލަން، 6 މެއި 2021 ގައި ދިން ހަމަލާގައި އެމަނިކުފާނު ވަރަށް ބޮޑަށް ޒަހަމްވި އެވެ. އެ ޒަހަމްތަކަށް އޭޑީކޭއިންނާއި ޖަރުމަނުވިލާތުގެ ހޮސްޕިޓަލްތަކުން އެމަނިކުފާނު ގިނަ ދުވަސްތަކެއް ވަންދެން ފަރުވާ ހޯއްދެވި އެވެ. އެ ހަމަލާގައި ބޮން ގޮއްވައިލި މީހާ ޖަލަށް ލާފައި ވާއިރު ހަމަލާގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ ބައެއް މީހުންގެ ޝަރީއަތް އަދިވެސް ނުނިމެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު