މިވަގުތު ރާއްޖެއަށް އެންމެ ރަނގަޅު ގޮތަކީ އެމްޑީޕީ އާއި ޑިމޮކްރެޓްސް ގުޅުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ޑިމޮކްރެޓްސްއަކީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ނަޝީދު ބަލިވެ، އޭގެ ފަހުގައި އޭރުގެ އެމްޑީޕީގެ ސަރުކާރާ ދެކޮޅަށް ޕާޓީގައި ތިބެގެން މަސައްކަތްތަކެއް ފެށުމުން ޕާޓީން ވަކިކުރަން އުޅުމުން ނަޝީދާއި އެމަނިކުފާނުގެ ވަފާތެރިން އުފެއްދެވި ޕާޓީއެކެވެ.ނަމަވެސް ޑިމޮކްރެޓްސްއަށް އެއްވެސް އިންތިހާބަކުން މާ ބޮޑު ތާއީދެއް ނުލިބުނެވެ. އަދި އެންމެ ފަހުން ބޭއްވި މަޖިލިސް އިންތިހާބުގައި އެ ޕާޓީއަށް އެއްވެސް ގޮނޑިއެއް ނުލިބެ އެވެ.ޑިމޮކްރެޓްސް އުފެއްދުވުމުގައި އިސްކޮށް އުޅުއްވި ބައެއް ބޭފުޅުން ވެސް މިހާރު އަނބުރާ އެމްޑީޕީއަށް ވަނީ ގުޅިވަޑައިގެންފަ އެވެ.އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ ރާއްޖެއަށާއި އެމްޑީޕީއަށާއި ޑިމޮކްރެޓްސްއަށް ވެސް މި ވަގުތު އެންމެ ރަނގަޅު ގޮތަކީ ދެ ޕާޓީ ގުޅުން ކަމަށް އެ މަނިކުފާނު ދެކެވަޑައިގަންނަވާ ކަމަށެވެ.މި ފަހުން ސިޔާސީ މަސައްކަތުން ދުރުގައި ހުންނެވި ނަޝީދު އެކަމާ ގުޅޭ ގޮތުން އިތުރު ވާހަކައެއް ނުދައްކަވަ އެވެ.
ރާއްޖޭގެ ވެރިކަން ތިން އަހަރެއްހާ ދުވަހު ކުރެއްވި ނަޝީދަކީ ގާތްގަނޑަކަށް 15 އަހަރު އެމްޑީޕީގެ ލީޑަރެވެ. އަދި 2008، 2013 އަދި 2018ގައި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ވެސް ނަޝީދެވެ.އެކަމަކު 2018ގައި ނަޝީދަށް އިއްވި ޖަލު ހުކުމެއްގެ ސަބަބުން އިންތިހާބުގައި ވާދަނުކުރެވޭނެތީ އެ ޕާޓީގެ ކޮންގްރެސް މެދުވެރިކޮށް އިބްރާހީމް މުހައްމަދު ސޯލިހަށް ރިޔާސީ ޓިކެޓު ދިނީ އެވެ.އެންމެފަހުން 2023 ގައި ބޭއްވި ރިޔާސީ އިންތިހާބުން ސޯލިހަށް ނާކާމިޔާބީ ލިބުނުއިރު ނަޝީދުގެ ޑިމޮކްރެޓްސް އިން ވެސް އެ އިންތިހާބުގައި ވާދަ ކުރި އެވެ. އެ ޕާޓީއަށް ގާތްގަނޑަކަށް 15،000 ވޯޓު ލިބުނެވެ.އެމްޑީޕީއަށް ރިޔާސީ އިންތިހާބު ނާކާމިޔާބުވި އެންމެ ބޮޑު އެއް ސަބަބަކީ ނަޝީދާއި ސޯލިހު އެކީގައި މަސައްކަތް ނުކުރެއްވުން ކަމަށް ވަރަށް ބަޔަކު ފަހުން ބުންޏެވެ.