ރިޕޯޓް
އިންތިހާބުގެ ނަތީޖާއިން ހާމަވީ ރައީސް ނަޝީދަށް އޮތް ތާއީދާއި ލޯބި!
އިންތިހާބުން އެނގުނީ އާންމު މެމްބަރުން ތިބީ ނަޝީދު ދޫކޮށްލާ ގޮތަށް ނޫން ކަން - ފޮޓޯ/ނައުޝަން ވަހީދު
އެންމެ ފުރަތަމަ އެމްޑީޕީ ރަޖިސްޓްރީވެގެން އައިއިރު އެ ޕާޓީގެ ޗެއާޕާސަނަކަށް ވެވަޑައިގެންނެވީ ވެސް ނަޝީދެވެ. އޭރު ވަރަށް ޒުވާން ބޭފުޅެކެވެ. އެ މާޒީއަށް ލިބެމުން ދިޔަ ތާއީދު ފަނޑުނުވެ ރޭ އާޓިފިޝަލް ބީޗުގައި ނަޝީދު އެ ހުންނެވީ އަލުން އެމްޑީޕީގެ ބާރު ނަންގަވައިގެންނެވެ. އިއްޔެ އޮތް ޗެއާޕާސަންގެ އިންތިހާބުގައި 70 ޕަސެންޓާ ގާތްކުރާ އަދަދަކަށް ވޯޓު ހޯއްދަވާ ބޮޑު އަގުލަބިއްޔަތަކުން އެމްޑީޕީގެ އާންމު މެންބަރުން ބުނީ ޕާޓީ ހިންގަވަން އަދިވެސް އަދިވެސް ބޭނުންވަނީ "އަންނި" ކަމަށެވެ. 

މިދިޔަ ރިޔާސީ އިންތިހާބުގެ ކުރިން އެމްޑީޕީ ބައިބައިވެ އުފެދުނު ހިޔާލު ތަފާތުވުމުގައި ޕާޓީ ދޫކޮށް ވަޑައިގެންނެވި ބޭފުޅުން އުފެއްދެވި ޑިމޮކްރެޓްސްގައި ހުންނެވުމަށް ފަހު އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފައިވާ ނަޝީދު މި އިންތިހާބުގައި ވާދަކުރެއްވީ ޒުވާން ލީޑާޝިޕެއްގެ ތަަސައްވުރާ އެކު ނުކުންނެވި ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެމްބަރު މީކާއީލް އަހުމަދު ނަސީމް އާ އެވެ. ޒުވާން ކެންޑިޑޭޓް މީކާއިލް އަހުމަދު ނަސީމަށާއި އޭނާގެ ފަހަތުގައި ހުންނެވި ސޯލިހަށް އިއްޔެގެ ނަތީޖާ އަކީ ވަރަށް ބޮޑު ބައްޔެކެވެ.

އިންތިހާބުގެ ނަތީޖާއަށްފަހު މީކާއީލް އަހުމަދު ނަސީމް ވަނީ ބަލި ގަބޫލުކުރައްވައި، ރައީސް ނަޝީދަށް ފޯނުން ގުޅުއްވައި މަރުހަބާ ވިދާޅުވެފަ އެވެ. އަދި ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް އާ އަޒުމެއްގައި މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ނަޝީދު ހޯއްދެވި ކާމިޔާބީއަށް އެމަނިކުފާނާ ވާދަވެރި ލީޑަރު އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަރުހަބާ ވިދާޅުވެ، އެމްޑީޕީގައި ދެމިހުންނަވާނެ ކަމަށާއި އެ ޕާޓީގެ މަސައްކަތް އެއް ގިއަރު މައްޗަށް ނަޝީދުގެ ތަޖުރިބާގެ އަލީގައި ޖެއްސޭނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.

މި ނިމުނު ފޯރިގަދަ އިންތިހާބުގެ ކެމްޕެއިން ގައި ނަޝީދު ވިދާޅުވަމުން ގެންދެވީއެމްޑީޕީއަކީ ފިކުރެއް އަދި ފަލްސަފާއެއް ކަމަށެވެ. ނަޝީދު ވިދާޅުވީ އެމްޑީޕީން 2023 ވަނަ އަހަރު އެމަނިކުފާނު ވަކިވެވަޑައިގަތުމުން "ބައިވަރު ޝަކުވާ ބަންނަން އެބަ ހުރިކަން" އެނގިވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް އެމްޑީޕީއަކީ އެމަނިކުފާނުގެ މުޅި ހަޔާތް ކަމަށާއި އަދި ދުރުގައި ހުންނަވައިގެން ވެސް ބެއްލެވޭނީ އެމްޑީޕީގެ ކަންތައްތައް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"މިއީ އަޅުގަނޑުގެ ގެ. މި ހަރުގެ މިއީ [ކޮމަންޑޫ ހަރުގެ އަކީ] އެންމެ ފުަރަތަމަ އެއް ހަރުގެ. މިތަނަށް އަަބަދުވެސް އަންނަ ހިތްވާނެ. ދުރުގައި ހުރެގެން ވެސް ބެލެނީ މިތަނަށް. އަޅުގަނޑު މި ޕާޓީ ދޫކޮށެއް ނުދާނެ. އަޅުގަނޑު ކަނޑާލީމާ އަބަދުވެސް އަންނާނީ ރީނދޫ ލޭ،" ނަޝީދު ވިދާޅުވި އެވެ.

ޖަލު ހުކުމެއްގައި ހުންނެވުމުގެ ސަބަބުން 2018ގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވޭ ގޮތް ނުވި ހިސާބުން އެމްޑީޕީގެ ބާރު ފުރޮޅުލުނީ އޭރު ނަޝީދުގެ އެންމެ އަރިސް ސިޔާސީ އެކުވެރިޔާ "އިބޫ"ގެ އަތްޕުޅަށެވެ. އޭގެ ފަހުން ރައީސް ނަޝީދަށް ޕާޓީގެ ކޮންޓްރޯލް "ގެއްލު" ނެވެ. ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނާއި ގައުމީ މަޖިލިހުގެ ތެރޭގައި ވެސް މެ އެވެ. ނަމަވެސް ހިތް ވަރަށް ބަދަލެއް ނައިސް ރާއްޖޭގެ ސިޔާސީ އަދި އިސްލާހީ މަސައްކަތުގައި ރައްޔިތުންގެ "ފަޅީގައި" ސާބިތުވެ ހުންނަވާ ގާތްގަނޑަކަށް އަށް އަހަރު ފަހުން މިއަދު އެމްޑީޕީގެ އޮފީހަށް އެމަނިކުފާނު ފައިންޕުޅު އެ އަޅުއްވާނީ ހުރިހާ ބާރަކާ އެކުގައި އާންމު މެންބަރުގެ ރުހުން ލިބިގެން ނެވެ. އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަކީ އެ ޕާޓީގެ އެންމެ ބާރުގަދަ މަގާމެވެ. މީގެކުރިން ވެސް ނަޝީދު ވަނީ އެ ޕާޓީގެ ޗެއާޕާސަންގެ މަގާމު އަދާކުރައްވާފަ އެވެ.

އިއްޔެ ނިމުނު އިންތިހާބަކީ ސިޔާސީ ގޮތުން އެމްޑީޕީއަށް އަދި ހާއްސަކޮށް ރައީސް ނަޝީދަށް ވަރަށް މުހިންމު އިންތިހާބެކެވެ. މިދިޔަ ރިޔާސީ އިންތިހާބުގެ ކުރިން ޕާޓީގެ އެތެރޭގައި އުފެދުނު ބޮޑެތި ހިޔާލުތަފާތުވުންތަކާ ގުޅިގެން ރައީސް ނަޝީދު ޕާޓީން ވަކިވެވަޑައިގެން "ދަ ޑިމޮކްރެޓްސް" އުފެއްދެވުމަށް ފަހު، އަލުން އެމްޑީޕީއާ ގުޅިވަޑައިގެން ކުރިމަތިލައްވާ ފުރަތަމަ ބޮޑު އިންތިހާބަކީ މިއީ އެވެ. ނަތީޖާ ދެއްކީ ބޮޑު މޮޅަކުން ނެވެ. އާއެކެވެ. އަނެއްކާވެސް ނަޝީދުގެ ސިޔާސީ ހަރަކާތްތައް، އެމްޑީޕީއާ އެކު މި ފެށުނީ އެވެ. 

އިންތިހާބުގެ ނަތީޖާއިން އެނގުނީ ރައީސް ނަޝީދަށް އޮތް ތާއީދާއި ލޯބި އަދި ވެސް ފަޑުނުވާ ކަމެވެ. އިންތިހާބުގެ ނަތީޖާއިން އެނގުނީ ނަޝީދު ނޫން ބޭފުޅަކާ އެމްޑީޕީ ހިންގަން ހަވާލުކުރަން އާންމު މެމްބަރުން މި ވަގުތު އެއްގޮތަކަށް ވެސް ތައްޔާރު ނޫން ކަމެވެ. ޝައްކެއް ވެސް ނެތެވެ. ވަރުގަދަ އެނބުރި އައުމެކެވެ. ނަޝީދުއަށް އަދި ވެސް ސިޔާސީ ލޯބީގެ ކްރެޑިޓް ހައްގެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު