
ރައީސް މުއިއްޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަމިއްލަ ނަފްސަށް އިތުބާރުކުރާ، އަގީދާ ވަރުގަދަ، ރޫހާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ، ދިވެހި ގައުމިއްޔަތަށް ލޯބިކުރާ، ޒިންމާދާރު ޒުވާން ޖީލެއް ބިނާކުރުމަށް ސަރުކާރުން ފަށާފައިވާ ދިވެހި ވަތަނީ ހިދުމަތުގެ އިނީޝަލް ތަމްރީނުގެ އެންމެ ފުރަތަމަ ބެޗު ނިންމައި، އެކިއެކި ދާއިރާތަކުން ވަޒީފާ ހޯދުމަށް ހުޅުވާލި ފުރުސަތުގައި ސިފައިންގެ ހިދުމަތަށް ކުރިމަތިލި ޒުވާނުންނަށް ހިންގި 72 ވަނަ ސިފައިންގެ އަސާސީ ތަމްރީނު ކޯހުން 137 ދަރިވަރަކު ދަސްވެނިވެފައިވާ ކަމަށެވެ. އެއީ ރާއްޖޭ 20 އަތޮޅެއްގެ 70 ރަށެއްގެ 137 ދަރިވަރުން ކަަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. ކޯހުން ވަނަތައް ހާސިލު ކުރި ހުރިހާ ބައިވެރިންނަށް ރައީސް މަރުހަބާ ވިދާޅުވި އެވެ. އަދި ސިފައިންގެ މަތިވެރި ހިދުމަތާ އަލަށް މި ގުޅުނު ޒުވާނުންނަށް ވެސް "އައްސަރިބަހާއި ސާބަސް" އެމަނިކުފާނު ރައްދު ކުރެއްވި އެވެ.ދިވެހި ވަތަނީ ހިދުމަތް އިފްތިތާހު ކުރީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހު އެވެ. މި ސަރުކާރުގެ އަމާޒަކީ މި އަހަރު ތެރޭގައި އިތުރު 1،000 ޒުވާނުން އެ ތަމްރީންތައް ފުރިހަމަ ކުރުވުމެވެ. އެއީ މުޖުތަމައަށް ފައިދާހުރި ޒުވާނުން ނެރުމަށް ރައީސް މުއިއްޒު މިހާރު އެންމެ އިސްކަން ދެއްވާ ޕްރޮގްރާމް ވެސް މެ އެވެ. ރާއްޖޭގެ ވަތަނީ ހިދުމަތުގެ ޕްރޮގްރާމަކީ ރައީސްގެ ހާއްސަ އިސްނެންގެވުމެކެވެ. މި ޕްރޮގްރާމުގެ ސަބަބުން، ތަމްރީނާއި ތަރުބިއްޔަތު ލިބިފައިވާ ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއް ކަމަށް ރައީސް އޮފީހުން ބުނެ އެވެ.