ޚަބަރު
ޑައިވަރުން ހޯދަން ސިފައިން 60 މީޓަރު އަޑިއަށް
ޑައިވަރުން ގެއްލުން ސަރަހައްދު.-- ފޮޓޯ: އެމްއެންޑީއެފް
ވ. އަތޮޅުގައި ޑައިވިންނަށް ފައިބައިގެން އުޅެނިކޮށް ގެއްލުނު ޓޫރިސްޓުންގެ ތެރެއިން މިހާތަނަށް ފެނުނު މީހާ މަރުވެފައި އޮތީ 60 މީޓަރު އަޑީގައި ކޭވް އެއްގެ ތެރޭގައި ކަމަށާއި އަނެއް ހަތަރު މީހުން ވެސް ވީ އެތަނުގެ ތެރޭގައި ކަމަށް ބެލެވޭ ކަމަށް  އެމްއެންޑީއެފުން މިރޭ ބުނެފި އެވެ.

މި ހާދިސާގައި ފަސް މީހުން ގެއްލުނުއިރު އޭގެ ތެރެއިން އެކެއްގެ ހަށިގަނޑު ވަނީ ފެނިފަ އެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި މި ހަށިގަނޑު ފެނިފައިވަނީ ގާތްގަނޑަކަށް 60 މީޓަރުގެ އަޑިން ކޭވްއެއްގެ ތެރެއިންނެވެ. އެ މީހާގެ ހަށިގަނޑު ފެނުނީ އެމީހުން ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ސަފާރީގެ ޑައިވަރުންނަށް މިއަދު އިރުއޮއްސި 6:13 ހާއިރު ހާއިރު މޫދު އަޑިންނެވެ.

"ބާކީ ތިބި ހަތަރު ޑައިވަރުން ވީކަމަށް ލަފާކުރެވެނީ، ދިގުމިނުގައި ގާތްގަނޑަކަށް 200 ފޫޓު ހުންނަ މި ކޭވްގެ ތެރޭގައި،" އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފުން ބުނީ މިއީ ވަރަށް ނުރައްކާތެރި ހައި ރިސްކް އޮޕަރޭޝަނަކަށް ވަތީ، އެމްއެންޑީއެފް ކޯސްޓްގާޑުގެ އިތުރު ޑައިވަރުންނާއި ބޭނުންވާ ހާއްސަ ސާމާނު މިހާރު ވަނީ އެ ސަރަހައްދަށް ފޮނުވާފައި ކަމަށެވެ.

މި އޮޕަރޭޝަން ނިމެންދެން އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޣާޒީ އެ ސަރަހައްދުގައި ހަރަކާތްތެރިވާނެ ކަމަށް ވެސް ބުންޏެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު