ޚަބަރު
ރައްޔިތުންގެ ހައްގުތަކަށް އުނިކަން އަންނަ ގޮތަށް މުޒާހަރާ ނުކުރެވޭނެ: ޕޮލިސް
މާލޭގައި ރޭ ކުރި މުޒާހަރާގެ ތެރެއިން މީހަކު ހައްޔަރު ކޮށްގެން ގެންދަނީ
ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ ދަށުން ކަނޑައަޅާފައިވާ ސަރަހައްދުތަކުގެ ބޭރުގައި، އާންމު ރައްޔިތުންގެ ހައްގުތަކަށް އުނިކަން އަންނަ ގޮތަށް މުޒާހަރާކުރުމުގެ ފުރުސަތު ނުދޭނެ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ. 

"އަދަދު" ނޫހުގެ ދެ ނޫސްވެރިން ކަމުގައިވާ މުހައްމަދު ޝަހުޒާން އާއި ލީވާން އަލީ ނާސިރު ކްރިމިނަލް ކޯޓުގެ ހުރުމަތް ކެނޑި މައްސަލައެއްގައި ޖަލަށްލާފައި ވަނިކޮށް އެ ދެ ނޫސްވެރިން ދޫކޮށްލަން ގޮވާލައި އިއްޔެއިން ފެށިގެން ދަނީ މުޒާހަރާ ކުރަމުންނެވެ.

ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އެ މުއައްސަސާގެ ހުއްދަ ނެތި އެއްވުންތައް ބޭއްވޭނީ ހޯމް މިނިސްޓްރީން ކަނޑައަޅާފައިވާ ތަންތަނުގައި އެކަނި ކަމަށެވެ. 

"ކަނޑައެޅިފައިވާ ސަރަހައްދުތަކުން ބޭރުގައި، އާންމު ރައްޔިތުންގެ ހައްގުތަކަށް އުނިކަން ލިބޭ ގޮތަށް ބާއްވާ އެއްވުންތަކަށް ފުރުސަތު ނުދެވޭނެ ކަމަށް" ފުލުހުން ބުންޏެވެ. 

އޭގެ އިތުރުން މި އެންގުމާ ހިލާފަށް ބާއްވާ އެއްވުންތައް ރޫޅާލާނެ ކަމަށާއި އެ ކަންކަމުގައި ބައިވެރިވާ މީހުންނާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ބުނެ ބަޔާނުގައި އިންޒާރުދީފައިވެ އެވެ. 

"އަސާސީ ހައްގުތަކުގެ ބޭނުންހިފުމުގައި އެހެން މީހުންގެ ހައްގުތަކަށް އުނިކަން ނާންނާނެހެން އަމަލުކުރުމަށް" އިލްތިމާސް ކުރާ ކަމަށް ބަޔާނުގައި ވެ އެވެ. 

ފުލުހުން ބަޔާން ނެރުނު އިރު މިރޭ ވެސް މާލޭގައި ދަނީ މުޒާހަރާކުރަމުންނެވެ. އަދި ރޭގެ މުޒާހަރާގެ ތެރެއިން 10 މީހަކު ހައްޔަރުކޮށް އޭގެ ތެރެއިން ތިން މީހެއްގެ ބަންދު އިތުރުކޮށްފައި ވާއިރު މިރޭ މުޒާހަރާ ފެށުމުގެ ކުރިން ވެސް ބަޔަކު ހައްޔަރުކޮށްފައިވެ އެވެ.  

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު