ޚަބަރު
ނޫސްވެރިން ހައްޔަރުކުރުމާ ދެކޮޅަށް އެމްޑީޕީން މަގުމައްޗަށް
ޖަލަށް ލާފައިވާ 'އަދަދު' ނޫހުގެ ނޫސްވެރިން ދޫކޮށްލަން ގޮވާލާ މާލޭގައި މިރޭ މުޒާހަރާކުރަމުން އެބަދެ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންނަވައި މިރޭ އެމްޑީޕީން މަގުތަކަށް ނުކުމެ ގޮވާލަމުން ދަނީ 'އަދަދު' ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ ލީވާން އަލީ ނަސީރާއި މުހައްމަދު ޝަހުޒާން މިނިވަން ކުރުމަށެވެ. 

"އަދަދު" ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ މުހައްމަދު ޝަހުޒާން އާއި ލީވާން އަލީ ނަސީރު، ކޯޓުގެ ހުރުމަތް ކަނޑާލި ކަމަށް ނިންމައި ޖަލުގައި ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ ހުކުމްކޮށްފި އެވެ.

ޝަހުޒާން ޖަލަށްލާން ހުކުމްކުރީ 15 ދުވަހަށެވެ. އަދި ލީވާނަށް ދިނީ 10 ދުވަހުގެ ޖަލު ހުކުމެކެވެ.

ޝަހުޒާން ބަންދުގައި ބަހައްޓަން އަމުރުކުރީ "އަދަދު" ނޫހުން ނެރުނު ވީޑިއޯ ޑޮކިއުމެންޓްރީއާ ގުޅޭ އެއްވެސް ވާހަކައެއް ދެއްކުން ކޯޓުން މަނާކޮށް އަމުރެއް ނެރެފައި ވަނިކޮޮށް، ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ސުވާލުކުރުމުންނެވެ.

ލީވާން ބަންދުކުރަން އަމުރުކުރީ "އަދަދު" ނޫހުން ގެނެސްދިން ވީޑިއޯ ޑޮކިއުމެންޓްރީއާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރުނު އަމުރާ ހިލާފަށް ޚަބަރަށް ލިޔުނު ކަމަށް ބުނާ މައްސަލައިގަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ތުހުމަތުތަކެއް ކޮށް "އަދަދު" ނޫހުން އާންމުކުރި "އައިޝާ" ޑޮކިއުމެންޓްރީގައި ދައްކާފައިވާ އެއްވެސް ވާހަކައެއް އާއްމުނުކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. މި އަމުރަކީ އާންމުންނަށް ނެރެފައިވާ އަމުރެކެވެ.



ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު