
އަދަދު ނޫހުގައި ލިޔުނު ހަބަރަކާ ގުޅިގެން "އަދަދު" ނޫހުގެ ނޫސްވެރިޔާ ލީވާން އަލީ ނާސިރު ވަނީ 10 ދުވަހަށް ޖަލަށް ލާފަ އެވެ. އަދި ރައީސް މުއިއްޒުއާ ސުވާލުކުރި ނޫސްވެރިޔާ މުހައްމަދު ޝަހުޒާން ވަނީ 15 ދުވަހަށް ޖަލަށް ލާފަ އެވެ. ކޮލަމްބޯގައި މިރޭ އެ މަނިކުފާނު ބޭއްވެވި ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން، އެ މަނިކުފާނު ވިދާޅުވީ ރައީސްއާ ގުޅުވައިގެން ދައްކަމުން ދަނީ ވަރަށް ޒާތީ ވާހަކައެއް ކަމަށާއި އެއީ ބެހެން ޖެހޭނެ ކަންކަން ނޫން ކަމަށެވެ. އެކަމަކު ކަންބޮޑުވެވަޑައިގަންނަވަނީ ނޫސްވެރިޔަކު ސުވާލުކުރުމުން އެ ސުވާލަށް ޖަވާބުދިނުމުގެ ބަދަލުގައި ނޫސްވެރިޔާ ހައްޔަރުކުރުމުން ކަމަށް ވިދާޅުވި އެވެ."އެ ބާވަތުގެ ކަންކަމަކީ ކޮންމެހެން އަޅުގަނޑުމެން ބެހެން ޖެހޭ ކަންކަމެއް ނޫން. އެއީ ޒާތީ ކަންކަން. އެ ކަންކަމަކާ އަޅުގަނޑުމެން އަޅާލާކަށް ނެތިން،" ރައީސް މުއިއްޒުގެ މައްޗަށް ކޮށްފައިވާ ތުހުމަތާ ގުޅޭގޮތުން ނަޝީދު ވިދާޅުވި އެވެ. "ކަންބޮޑުވަނީ ނޫސްވެރިން ހައްޔަރުކުރާތީ. ކަންބޮޑުވަނީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް، އެއްވެ އުޅުމުގެ މިނިވަންކަމަށް އަރައިގަންނާތީ."ނަޝީދު ވިދާޅުވީ ހިޔާލުފާޅުކުރުމާއި އެއްވެ އުޅުމާއި ސުލްހަވެރި ސިޔާސީ ހަރަކާތްތައް ހިންގުމުގެ މިނިވަންކަމަކީ ސީދާ ރައްޔިތުންނާ ގުޅުން ހުރި، މުހިއްމު ކަންތައްތަކެއް ކަމަށެވެ. އެއީ "މަޖަލަކަށް" އޮންނަ މިނިވަންކަމެއް ނޫން ކަމަށާއި އެކަން ގުޅިފައި އޮންނަނީ ސީދާ ރައްޔިތުންގެ ތަނަވަސްކަމާ ކަމަށް ވިދާޅުވި އެވެ.އެ މަނިކުފާނު ވިދާޅުވި ގޮތުގައި "ލިބޭ އެއްޗެއް އިތުރުވަނީ ބަސްބުނެ، ހިޔާލުފާޅުކުރެވުމުން"ނެވެ."ފާޑު ނުކިޔުނީމާ ނުބައި ޕްރޮޖެކްޓް، ނުބައި ގަޑީގައި، ނުބައި ތަނުގައި، ނުބައި އަގުގައި، ނުބައި މީހެއް ލައްވާ މި ހެއްދެނީ،" ނަޝީދު ވިދާޅުވި އެވެ.