
ސުއޫދު މިހެން ވިދާޅުވީ، ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ބުނެ ޖަލަށް ލާފައިވާ މި ނޫހުގެ ދެ ނޫސްވެރިން ކަމުގައިވާ ލީވާން އަލީ ނާސިރާއި މުހައްމަދު ޝަހުޒާންގެ މައްސަލައިގައި އޭނާ ދެކޭ ގޮތް ހާމަކޮށް، އެ މީހުންގެ މަސައްކަތުގެ އަގު ވަޒަންކޮށް ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގަ އެވެ. ލިޔުނު ހަބަރަކާ ގުޅިގެން "އަދަދު" ނޫހުގެ ނޫސްވެރިޔާ ލީވާން އަލީ ނާސިރު ވަނީ 10 ދުވަހަށް ޖަލަށް ލާފަ އެވެ. އަދި ރައީސް މުއިއްޒުއާ ސުވާލުކުރި ނޫސްވެރިޔާ މުހައްމަދު ޝަހުޒާން ވަނީ 15 ދުވަހަށް ޖަލަށް ލާފަ އެވެ. ސުއޫދު ވިދާޅުވި ގޮތުގައި، ނޫސްވެރިކަމަކީ ކުށެއް ނޫނެވެ. އަދި، މިނިވަން މުޖުތަމައުއެއް ބިނާވެފަ އޮންނަނީ، އުނދަގޫ ހާލަތްތަކުގައި ވެސް ސުވާލުކޮށް، ހަގީގަތް ހޯދާ، އަދި ޒިންމާދާރުކުރުވުމަށް މަސައްކަތް ކުރާ ކެރޭ ހިތްވަރު ގަދަ ނޫސްވެރިންގެ މައްޗަށް ކަމަށް އޭނާ ވިދާޅުވި އެވެ. މި މައްސަލައިގައި ކުރި އުނދަގޫ ތަޖުރިބާގެ ތެރޭގައި ދެ ނޫސްވެރިން ދެއްކި ހިތްވަރުގެ އަގުވަޒަންކުރައްވައި، ސުއޫދު ވިދާޅުވީ، އެ ދެ ނޫސްވެރިން ދެއްކި ސާބިތުކަމަކީ މިނިވަން ނޫސްވެރިކަމުގެ މުހިންމުކަން ހަނދާންކޮށްދޭ ކަމެކެވެ.ސުއޫދު ވަނީ މި މައްސަލައިން މުހިންމު ފިލާވަޅެއް ލިބިގަންނަން ޖެހޭ ކަމަށް ވެސް ވިދާޅުވެފަ އެވެ. އެއީ، ފާޑުކިޔުމާއި، ފާރަވެރިވުމާއި، ކަންކަން ރިޕޯޓުކުރުމުން ބަދަލު ހިފުމުގެ ގޮތުން އެއްވެސް ފިޔަވަޅެއް އެޅިގެން ނުވާނެ ކަމެވެ. "މިނިވަން އަދި ބިރަކާ ނުލާ މަސައްކަތް ކުރާ މީޑިއާތައް އޮތުމަކީ ދިމިގުރާތީ ނިޒާމުތައް ބަލިކަށިވުމުގެ ބަދަލުގައި އިތުރަށް ވަރުގަދަވެގެންދާ ކަމެއް،" ސުއޫދު ވިދާޅުވި އެެވެ.