ޚަބަރު
ހުރިހާ މެންބަރުން ވޯޓު ދޭންވީ ޖޯޝާއި ފޯރި ހުރި ދިމާއަށް: ނަޝީދު
އެމްޑީޕީއަށް ޖޯޝާއި ފޯރި ގެނެވުމުން ހިތްހަމަޖެހޭ ކަމަށާއި ހުރިހާ މެންބަރުންގެ ވޯޓުތައް ވެސް ޖޯޝާއި ފޯރި ގެނެވޭ ދިމާއަށް ދިނުމުން ޕާޓީއަށް ރަނގަޅުވާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަންކަމަށް ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

ނަޝީދުގެ "ބޮޑު ބަދަލު" ކެމްޕެއިން ނިންމުމަށް މާލޭގައި ބާއްވާ ބޮޑު ހިނގާލުމުގައި ސަންގު ޓީވީގެ ނޫސްވެރިއަކު ސުވާލުކުރުމުން ނަޝީދު ވިދާޅުވީ އެމްޑީޕީއަށް އަލުން މަގުތައް ފުރާލެވުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ. 

ދޮޅު މަސް ދުވަހުގެ ކެމްޕެއިނަކަށް ފަހު މާދަމާ ބާއްވާ އިންތިހާބު އިރާދަކުރެއްވިއްޔާ ނާކާމިޔާބެއް ނުވާނެ ކަމަށާއި އެއީ ސުވާލެއް ވެސް ނޫން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. 

އެމްޑީޕީގެ 'ރީނދޫ ލަޝްކަރުގެ' ސަފުތައް އަލުން ރުކުރުވާލެވިފައިވާ ކަމަށް ނަޝީދު ވިދާޅުވި އެވެ. މާދަމާ ބާއްވާ ޗެއާޕާސަން އިންތިހާބު ކާމިޔާބުކުރެވިއްޖެ ނަމަ، ވަގުތުން މިހާރު އޮތް ސަރުކާރު ބަދަލުކުރުމުގެ މަސައްކަތް ވަރުގަދައަށް ހިންގަވާނެ ކަމަށް ނަޝީދު ވިދާޅުވަމުން ގެންދަވާ ވާހަކަ މިރޭ ވެސް ކެމްޕެއިން ރެލީ ނިންމާލައްވަމުން ތަކުރާރު ކުރެއްވި އެވެ.

ނަޝީދާއެކު މި އިންތިހާބުގައި ދެން ވާދަކުރައްވަނީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމެވެ. 

ވާދަވެރި އިންތިހާބުގެ ވޯޓުލުން އޮންނާނީ މެންދުރު ފަހު 2:30 އިން ފެށިގެން ރޭގަނޑު 8:30 އަށެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު