
އިއްޔެގެ އިންތިހާބު އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓު އަބްދުﷲ ސޯދިގު (ސޯބެ) ކާމިޔާބު ކުރެއްވީ 62 ވޯޓުގެ ތަފާތަކުންނެވެ. ސޯބެ ވަނީ 1375 ވޯޓު ހޯއްދަވައިފަ އެވެ. ޕީއެންސީގެ ކެންޑިޑޭޓު އަހުމަދު ސައީދު (ސޮޑާ) އަށް ލިބިވަޑައިގަތީ 1313 ވޯޓެވެ. ޕީއެންސީގެ ލީޑާޝިޕުން އެ ބަލި ސިފަ ކުރަމުންދަނީ އެ ޕާޓީއަށް ލިބުނު ކާމިޔާބީއެއްގެ ގޮތުގަ އެވެ. އަދި އެއީ އިދިކޮޅު އެމްޑީޕީއަށް ލިބުނު ބޮޑު ނާކާމިޔާބީއެއް ކަމަށް ވެސް ބުނަމުންދެ އެވެ. އިންތިހާބުން މޮޅުވި ކެންޑިޑޭޓު ސޯބެއަށް މަރުހަބާ ކިޔާފައި ވަނީ ވެސް ޕީއެންސީގެ މަދު ބަޔެކެވެ.މިކަމާއި ގުޅިގެން ރައީސް ނަޝީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ތަޅާފޮޅާއިރު އަނގައިން ބަލިނުވާ މީހުން އުޅޭ ކަމަށެވެ.