ޚަބަރު
މަޖިލީހަށް ފޮނުވަންވީ ރާއްޖެއަށް ވަމުންދާ ގޮތް އެނގޭ މެންބަރެއް: ނަޝީދު
ރައްޔިތުންގެ މަޖިލީހަށް އިންތިހާބު ކުރަން ޖެހެނީ ދުނިޔޭގެ އާޖުފާޖު ދަންނަ ރާއްެޖެއަށް ވަމުންދާ ގޮތް ރަނގަޅަށް އެނގޭ ފަދަ މެންބަރުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. 

ނަޝީދު މިގޮތަށް ވިދާޅުވީ، އަންނަ ހޮނިހިރު ދުވަހު ބާއްވާ މި އިންތިހާބުގެ ކެމްޕެއިން ނިންމާލުމަށް ރޭ އައްޑޫ ހިތަދޫ ސްކޫލްގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"އައްޑޫގައި އެމްޑީޕީގެ ސަރުކާރަކުން ފިޔަވައި ތަރައްގީގެ ކަމެއް، އިޖުތިމާއީ ކަމެއް ވެސް، ކުރެވިފައި އޮތް ތަނެއް ނުފެންނާނެ،" އެމްޑީޕީން ރާއްޖެއަށް ތައާރަފުކުރި ސިޔާސަތުތައް ލިސްޓު ކުރައްވަމުން ނަވާރަވަނަ މަޖިލީހުގެ ރައީސްކަން ވެސް ކުރެއްވި ނަޝީދު ވިދާޅުވި އެވެ. 

ރާއްޖެ މިހާރު އޮޔާ ދަމުންދާ ކަމަށާއި ކަނު ބަނދެވި ތިބެ ގައުމު މި ވެއްޓެނީ އަނދަވަޅަކަށް ކަމަށް ނަޝީދު ވިދާޅުވި އެވެ. މިފަދަ ހާލަތެއްގައި ސަރުކާރުން މަޖިލީހަށް ފޮނުވަން ޖެހޭނީ ދުނިޔޭގެ ކަންކަން އެނގޭ ރާއްޖެއަށް ވަމުންދާ ގޮތް ވެސް އެނގޭ މީހެއް ކަމަށް ނަޝީދު ވިދާޅުވި އެވެ. 

"ރާއްޖެ ސަލާމަތު އައްސޭރިއަކަށް ގެންދިޔުމަށް އަދި ދިވެހީންނަކީ މި ބަދަލުވަމުންދާ ދުނިޔޭގައި ސާބިތުކަމާއެކީގައި ފައި ހަރުކޮށްގެން ތިބޭނެ ބަޔަކަށް ހެދުމަށް ރައްޔިތުންގެ މަޖިލީހުގެ ދައުރު ވަރަށް ބޮޑު، އެ ތަނަށް ފޮނުވާން ޖެހޭނީ ދުނިޔޭގެ އާޖުފާޖު އެނގޭ، ރާއްޖެއަށް ވަމުންދާ ގޮތް އެނގޭ، އަދި އައްޑޫއަށް ހިދުމަތް ކޮށްދެވޭނެ، ކުރަން ޖެހޭ ހިދުމަތް ވެސް ދަންނަ ރަނގަޅު އައްޑޫ، ހިތަދޫ ދަރިއެއް،" ނަޝީދު ވިދާޅުވި އެވެ. 

"މަދަރުސާއަށް ވެސް ގޮސްލާ އުޅުނު ބޭފުޅެއް [އިންތިހާބު ކުރަންވީ]. މިސާލަކަށް ޑެޓް ސަސްޓެއިނަބަލް އެނަލިސްއެކޭ ބުނީމަ، ނޭނގޭ މީހަކު އެތަނަށް [މަޖިލީހަށް] ފޮނުވާނެ ކަމަށް އަޅުގަނޑު ދުވަހަކު ވެސް ގަބޫލެއް ނުކުރާނަން،" 

މި ބައި-އިލެކްޝަން މި ބާއްވަނީ މި ދާއިރާގެ ގޮނޑި ފުރުއްވި ޕީއެންސީ މެންބަރު މުހައްމަދު ސިނާންގެ ސާބިތު ދަރަންޏެއް އޮވެގެން އޭނާގެ ގޮނޑި ގެއްލިގެންނެވެ.

 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު