ޚަބަރު
އެމްޑީޕީއަކީ ފިކުރެއް އަދި ފަލްސަފާއެއް: ނަޝީދު
އެމްޑީޕީއަކީ ފިކުރެއް އަދި ފަލްސަފާއެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ. 

އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ ނަޝީދުގެ ކެމްޕެއިންގައި ށ.ކޮމަންޑޫގައި މިއަދު ބޭއްވި ބައްދަލުވުމެއްގައި ނަޝީދު ވިދާޅުވީ އެމްޑީޕީން 2023 ވަނަ އަހަރު އެމަނިކުފާނު ވަކިވެވަޑައިގަތުމުން "ބައިވަރު ޝަކުވާ ބަންނަން އެބަ ހުރިކަން" އެނގިވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް އެމްޑީޕީއަކީ އެމަނިކުފާނުގެ މުޅި ހަޔާތް ކަމަށާއި އަދި ދުރުގައި ހުންނަވައިގެން ވެސް ބެއްލެވޭނީ އެމްޑީޕީގެ ކަންތައްތައް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"މިއީ އަޅުގަނޑުގެ ގެ. މި ހަރުގެ މިއީ [ކޮމަންޑޫ ހަރުގެ އަކީ] އެންމެ ފުަރަތަމަ އެއް ހަރުގެ. މިތަނަށް އަަބަދުވެސް އަންނަ ހިތްވާނެ. ދުރުގައި ހުރެގެން ވެސް ބެލެނީ މިތަނަށް. އަޅުގަނޑު މި ޕާޓީ ދޫކޮށެއް ނުދާނެ. އަޅުގަނޑު ކަނޑާލީމާ އަބަދުވެސް އަންނާނީ ރީނދޫ ލޭ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު އުފެއްދެވި "ދަ ޑިމޮކްރެޓްސް" އިން ރިޔާސީ ކެންޑިޑޭޓަކު ނެރެ، އެމްޑީޕީއާ ދެކޮޅަށް ވަރުގަދަ ކެމްޕެއިނެއް ކުރިއިރު އެމްޑީޕީއަށް އެ އިންތިހާބު ނާކާމިޔާބުވީ ގާތްގަނޑަކަށް 15،000 ވޯޓުގެ ތަފާތުންނެވެ.  

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް މީގެ ކުރިން ކުރައްވާފައިވާ ނަޝީދު ވިދާޅުވީ، އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވަނީ އަލުން އަބުރާ ވެރިކަން ހޯދުމުގެ މަސައްކަތް ކުރައްވަން ކަމަށާއި އެ މަނިކުފާނުގެ ޗެއާކަމުގައި އެމްޑީޕީގެ ތެރޭގައި ޕްރޮޖެކްޓު ޑިޕާޓުމަންޓެއް އުފައްދާނެ ކަމަށެވެ.

އެ ޑިޕާޓުމަންޓުން ކުރާނެ ކަމަކީ، ކައުންސިލުތަކާ އެކު ރަށްރަށަށް ބޭނުންވާ މަޝްރޫއުތައް އެކުލަވާލައި ފީސިބިލިޓީ ހެދުން ފަދަ ކަންކަމުގައި ކައުންސިލުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް މީގެ ކުރިން ކުރެއްވި ނަޝީދު ވިދާޅުވީ، 2028ގެ ރިޔާސީ އިންތިހާބު ކޮންމެހެން ވެސް ކާމިޔާބު ކުރަންޖެހޭ ކަމަށާއި އެ ކާމިޔާބީ ހޯދުމަށް އޮތް މުވައްސަސާއަކީ އެމްޑީޕީ ކަމަށެވެ. އެކަމަށްޓަކައި އެ ޕާޓީއަށް 160،000 ވޯޓު ހޯދަންޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ. 

އަދި، އެކަމަށްޓަކައި ކުރަން އޮތީ ބުރަ މަސައްކަތެއް ކަމަށާއި އެންމެން އެކުގައި ގުޅިގެން ނޫނީ އެކަން ނުވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު