ވިޔަފާރި
މޭ މަހުގެ ނިޔަލަށް ބީއެމްއެލްއިން 345 މިލިއަން ޑޮލަރު ވިއްކައިފި
ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމަށާއި ރާއްޖެއިން ބޭރުންކުރާ ކާޑުގެ މުއާމަލާތްތަކަށް މި އަހަރުގެ ފުރަތަމަ ފަސް މަސް ދުވަސް ތެރޭގައި 345 މިލިއަން ޑޮލަރު ވިއްކާފައިވާ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހާމަކޮށްފި އެވެ.

ބީއެމްއެލްގެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ ފަސް މަސް ދުވަހު ވިއްކި ޑޮލަރުގެ ތެރެއިން 147 މިލިއަން ޑޮލަރު ވިޔަފާރިތަކަށް ދޫކޮށްފައި ވާއިރު، ކާޑުގެ މުއާމަލާތްތަކަށް 198 މިލިއަން ޑޮލަރު ވަނީ ވިއްކައިފަ އެވެ.

އެ މުއްދަތުގައި ވިޔަފާރިތަކުން ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމަށާއި ކާޑުގެ މުއާމަލާތްތަކަށް އެވްރެޖްކޮށް މަހަކު 69 މިލިއަން ޑޮލަރު ވިއްކާފައިވެ އެވެ. އެއީ މިދިޔަ އަހަރުގެ އެވްރެޖް ކަމަށްވާ މަހަކު 47 މިލިއަން ޑޮލަރާ އަޅާބަލާއިރު މަހަކު 47 ޕަސެންޓް އިތުރު އަދަދެކެވެ.

ތަފްސީލީ ގޮތެއްގައި ބަލާއިރު، ވިޔަފާރިތަކުން މުދާ އެތެރެކުރުމަށްޓަކައި ޑޮލަރު ވިއްކި މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މިދިޔަ އަހަރު އެވްރެޖްކޮށް މަހަކު 15 މިލިއަން ޑޮލަރު ވިއްކި ނަމަވެސް، މިއަހަރުގެ ފުރަތަމަ ފަސް މަސްދުވަހު މި އަދަދު ވަނީ 29 މިލިއަން ޑޮލަރަށް އިތުރުވެފައެވެ. މިއީ ގާތްގަނޑަކަށް ދެގުނަ އިތުރުވުމެކެވެ.

މީގެ އިތުރުން، ޑެބިޓް އަދި ކްރެޑިޓް ކާޑު މުޢާމަލާތްތަކަށް ވިއްކި އަދަދު ވެސް ވަނީ މިދިޔަ އަހަރުގެ އެވްރެޖް 33 މިލިއަން ޑޮލަރުން، މިއަހަރު 40 މިލިއަން ޑޮލަރަށް (%21) އިތުރުވެފައެވެ.

މިއަހަރުގެ މޭ މަހުގެ ނިޔަލަށް ބޭންކުން 45,764 ޓީޓީއަށް ޑޮލަރު ވިއްކާފައިވާއިރު، ދިވެހި ރުފިޔާ އެކައުންޓްތަކާ ގުޅިފައިވާ ކާޑުތަކުން 3.1 މިލިއަން ޓްރާންސްކްޝަން ވަނީ ހަދައިފައެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު