ޚަބަރު
މިމަސް ނިމޭއިރު ބީއެމްއެލްގެ ކާޑު ލިމިޓަށް ބޮޑު ލުޔެއް ލިބޭނެ: ރައީސް
ދިވެހިން އާންމުކޮށް ވިޔަފާރިކުރާ ބޭރުގެ ބައެއް އީކޮމާސް ސައިޓުތަކުން މަހަށް މަހަށް ކުރެވޭ މުއާމަލާތްތައް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވަރަށް ބޮޑަށް ލިމިޓް ކޮށްފައިވަނިކޮށް އެކަމަށް މި މަހުގެ ފަހުކޮޅު ލުޔެއް ދެއްވާނެ ކަމުގެ އިޝާރާތް ބީއެމްއެލް އިން ދީފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 

އެމަނިކުފާނު މިހެން ވިދާޅުވީ، ރައީސްގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑޮލަރުގެ މައްސަލައަށް އޮތް ހައްލާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ރައީސް ވިދާޅުވީ ބީއެމްއެލްއަށް ދަތިތަކެއް ދިމާވެގެން މިހާރު ކާޑުތަކުގެ ލިމިޓް ކުޑަކޮށްފައިވީ ނަމަވެސް، އެކަމާ ގުޅޭ މައުލޫމާތު ސާފުކުރިއިރު އުންމީދީ ޖަވާބެއް ލިބިފައިވާ ކަމަށެވެ. 

"ބޭންކް އޮފް މޯލްޑިވްސް އަށް ދަތިތަކެއް ވާތީ މިހާރު ކުޑަކޮށް ލިމިޓް ކޮށްލައިގެން އެ އުޅެނީ. އެހެން ނަމަވެސް އަޅުގަނޑު އިއްޔެގައި ބޭންކަަށް ރައީސް އޮފީހުން މައުލޫމާތު ހޯދަން ބެލިއިރުގައި މި މަސް ނިމޭ ހިސާބުން އަނެއްކާވެސް ވަރަށް ބޮޑުތަނުން ލުއި ކޮށްދެއްވާނެ ކަމުގެ އިޝާރާތެއް ވަނީ ދެއްވާފައި،" އެ މަނިކުފާނު ވިދާޅުވި އެވެ.

ރާއްޖޭން ބޭރުގައި ޕީއޯއެސް އަދި އޭޓީއެމްތަކުގައި ބޭނުންކުރެވޭ "ފޮރިން ސްޕެންޑް ލިމިޓް" ހަމަ އެކަނި ރާއްޖޭން ބޭރުގައި ތިބޭއިރު އެކްޓިވް ވާގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. އެ ބަދަލު ގެނައީ ރާއްޖޭގައި ތިބެ، ރާއްޖެ އިން ބޭރަށް ދާ މީހުންނަށް ކާޑު ކުއްޔަށް ދީގެން ވިޔަފާރި ކުރާ މައްސަލަ ވެސް ބޮޑުވެފައިވަނިކޮށެވެ. 

ސައިޓުތަކަށް ޑޮލަރުން ކުރާ ހޭދަ ބޮޑުވެގެން، ބީއެމްއެލްއިން މީގެ ކުރިން ވަނީ، ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ އިން ވިޔަފާރިކުރާ ނަމަ ކޮންމެ ޓްރާންސެކްޝަނަކަށް 30 ޕަސެންޓުގެ ފީއެއް ނަގަން ވެސް ނިންމައިފަ އެވެ.  

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު