މާލޭ ވިޔަފާރިބަނދަރުގެ މަގަތު ފާލަމަށް އާގުބޯޓެއް ކައިރިކޮށްފައި - ފޮޓޯ: އެމްޕީއެލް
ގަވާއިދާ ހިލާފަށް ރާއްޖެއަށް އެތެރެކުރާ ތަކެތި ހުއްޓުވުމަށްޓަކައި މާލޭގެ ވިޔަފާރި ބަނދަރުގައި ކޮންޓެއިނަރުތައް ސްކޭން ކުރެވޭނެ ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން އިއްޔެ ވިދާޅުވެއްޖެ އެވެ. 
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އިހުސާން ވިދާޅުވީ ރާއްޖޭގެ ބޯޑަރުގެ ސަލާމަތީ ކަންކަން ހަރުދަނާކޮށް މިހާރު ވެސް ބަލަމުންދާ ކަމަށާއި، ގަވާއިދާ ހިލާފަށް އެތެރެކުރަން އުޅޭ ތަކެތި އިންޓެލިޖެންސް މައުލޫމާތަށް ބިނާކޮށް އަތުލައިގަންނަ ކަމަށެވެ.މިނިސްޓަރު ވިދާޅުވީ ކަސްޓަމްސްގެ ސަރަހައްދުތަކުގައި އެންމެ ފުރިހަމަ ގޮތުގައި މުދާ ސްކްރީން ކުރަން ފެށުމުން، ގަވާއިދާ ހިލާފަށް ރާއްޖެއަށް އެތެރެކުރާ ތަކެތި ދެނެގަނެވޭ މިންވަރު އިތުރުވާނެ ކަމަށެވެ.މިގޮތުން، ކޮންޓެއިނަރުތައް ހުރިގޮތަށް ސްކޭން ކުރެވޭނެ ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި ކަސްޓަމްސް ގުޅިގެން ކުރިއަށްދާ ކަމަށް އިހްސާނު ވިދާޅުވި އެވެ. ރާއްޖޭގެ މައި ބަނދަރުގައި ފުލް ކޮންޓެއިނާ ސްކޭނާއެއް އިންސްޓޯލް ކުރުމުގެ މަސައްކަތް، އިރާދަކުރެއްވިއްޔާ ހަތަރު ވަރަކަށް މަސް ތެރޭގައި ބެލެވެނީ އެކަން ވެސް ނިމިގެންދާނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.
އިހުސާން ވިދާޅުވި ގޮތުގައި، އެ ނިޒާމު ގާއިމް ކުރުމުން މަސްތުވާތަކެއްޗާއި ދުންފަތުގެ ބާވަތްތައް ވަގަށް އެތެރެކުރުން ވަރަށް ބޮޑަށް ހުއްޓުވޭނެ އެވެ.