ޚަބަރު
ނޯތު ހާބަރު ބޭނުން ކުރާ އޮޑިވެރިންގެ ޝަކުވާތައް ކުޑޫ މަޖިލީހަށް ހުށަހަޅައިފި
ނޯތު ހާބަރުން ދޯންޏަކަށް ފެންފުޅިތަކެއް އަރުވަނީ - ފޮޓޯ: ސަން
މާލޭ ނޯތު ހާބަރު ބޭނުންކުރުމުގައި އެމްޕީއެލްއިން އަމަލުކުރާ އުސޫލުގެ ސަބަބުން އަތޮޅުތެރެއަށް މުދާ އުފުލާ ބޯޓުފަހަރަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވާ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީއަށް އެ ކުންފުނީގެ ވެރިން ހާޒިރުކޮށް، ސުވާލުކުރަން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް އެދިވަޑައިގެންފި އެވެ.

ނޯތު ހާބަރުން ބޯޓުފަހަރަށް ޖާގަ ދިނުމުގެ އުސޫލަށް އެމްޕީއެލްއިން ބަދަލުތަކެއް ގެނައީ މިދިޔަ މާޗުގެ ތެރޭގަ އެވެ.

މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ކުޑޫ އިއްޔެ ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އިން އަލަށް އަމަލުކުރަން ފެށި އުސޫލުގެ ދަށުން ބަނދަރަށް ކައިރި ކުރަން ކިއު ނަމްބަރެއް ހޯދުމަށް ފަހު 10 އަކާއި 15 ދުވަހާ ދެމެދު މުއްދަތަކަށް މަޑުކުރަން ޖެހޭ ކަމަށެވެ.

އެހެންވެ ކުރިން މަހަކު ދެތިން ދަތުރު ކުރި ބޯޓު ފަހަރަށް މިހާރު ކުރެވެނީ މަހަކު ދަތުރެއް ކަމަށާއި އޭގެ ސަބަބުން އޮޑިވެރިންނަށް މާލީ ގޮތުން ބޮޑެތި ގެއްލުން ވަމުން އަންނަ ކަމަށް ކުޑޫ ވިދާޅުވި އެވެ.

މީގެ އިތުރުން މާލޭގެ ބޭރުމަގު ފުޅާ ކުރުމުގެ މަޝްރޫއާއެކު ބޯޓު ފަހަރު އަޅާނެ ޖާގަ ކުޑަވެ ބައެއް ޒޯންތަކުން ބޮޑު ފީއެއް ނަގަމުން އަންނަ ކަމަށާއި ފެނާއި ކަރަންޓުގެ ހިދުމަތް ނުލިބޭ ކަމުގެ ޝަކުވާ އޮޑިވެރިން ކުރަމުން އަންނަ ކަމަށް ކުޑޫ ވިދާޅުވި އެވެ.

އެ މައްސަލާގައި މަޖިލީހުގެ ކަމާބެހޭ ކޮމިޓީ އަށް އެމްޕީއެލް ހާޒިރު ކުރުމަށް ކުޑޫ ވަނީ އެދިފަ އެވެ. 

"މިއީ ރައްޔިތުންގެ އާންމު ދިރިއުޅުމާ ނުހަނު ބޮޑަށް ގުޅިފައިވާ ކަމަކަށް ވާތީ ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީއަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ އިސްވެރިން ހާޒިރުކޮށް، މި މައްސަލައަށް އަވަސް ހައްލެއް ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދަވައިދެއްވުން އެދި ދެންނެވީމެވެ،" އެ ސިޓީގައި މެމްބަރު މުހައްމަދު އިބްރާހިމް އެދިވަޑައިގަތެވެ.

އާ އުސޫލުގައިވާ ގޮތުން ކިޔޫ ތަރުތީބުން ކީވޯލުން ޖާގަދިނުމަށް ނޯތު ހާބަރު އޮފީހުން ގުޅުމުން، އެއްވެސް ސަބަބަކާ ހުރެ ދެ ގަޑިއިރު ތެރޭގައި ކީވޯލަށް ކައިރިނުކުރެވިއްޖެނަމަ ނުވަތަ ފޯނަށް ނުގުޅިއްޖެ ހާލަތެއްގައި އެ އުޅަނދެއް އޭ-ޒޯން އަދި ސީ-ޒޯން ކިޔޫއިން ވަގުތީގޮތުން "ހޯލްޑް" ކުރާނެއެވެ. އަދި ކިޔުގައި ދެން ހުރި އުޅަނދުތަކަށް ތަރުތީބުން ގުޅާ ޖާގަ ދިނުމަށް އެމްޕީއެލުން ވަނީ ނިންމައިފައެވެ.
އެ ކުންފުނިން ބުނި ގޮތުގައި، ސީ އަދި އޭ ޒޯނުން "ހޯލްޑް" ކުރެވޭ އުޅަނދުތައް އަލުން ކިޔުއަށް އިތުރުކުރެވޭނީ އެ އުޅަނދެއް މާލެ ސަރަހައްދަށް ވަނުމަށްފަހު ނޯތު ހާބަރު އޮފީހަށް ގުޅައި އެކަމަށް އެދުމުންނެވެ. އެގޮތަށް ގުޅައި "އަންހޯލްޑް" ކުރުމަކީ އެ އުޅަނދެއްގެ ފަރާތުން ފުރިހަމަކުރަންޖެހޭ ޒިންމާއެއް ކަމަށް އެމްޕީއެލުން ވަނީ ބުނެފައެވެ.

އޭގެއިތުރަށް، އޭ-ޒޯން އަދި ސީ-ޒޯން ކިޔުގައި "ހޯލްޑް" ކުރުމަށްފަހު އަލުން ކިޔުއަށް އިތުރުކުރާ އުޅަނދުތަކަށް، ޖާގައެއް ހުސްވެއްޖެނަމަ ގުޅާނީ "އަންހޯލްޑް" ކުރިތާ ދެ ގަޑިއިރު ފަހުންނެވެ.

އެ ވަގުތު ހަމަވުމުން އޮފީހުން ގުޅުމުންވެސް، އެއްވެސް ސަބަބަކާ ހުރެ ޖާގައަށް ކައިރިނުކުރެވިއްޖެނަމަ ނުވަތަ ފޯނަށް ޖަވާބު ނުދެވިއްޖެނަމަ ޖާގަ ފަސްކުރާނެއެވެ. މިގޮތަށް ފަސްކޮށްދެވޭނީ ގިނަވެގެން ތިން ފަހަރު ކަމަށްވާއިރު، ހަތަރު ވަނަ ފަހަރު ކިޔުއިން ކެންސަލްކުރާނެ ކަމަށް އެމްޕީއެލުން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު