ޚަބަރު
ކަޅު ބާޒާރުގެ އަގު ރިޕޯޓް ކުރުމުން ޖޫރިމަނާ ކުރަން ފާސްކޮށްފި
ބޭރު ފައިސާ ވިއްކުމަށް މަރުކަޒީ ބޭންކު، އެމްއެމްއޭން ކަނޑައަޅާފައިވާ އަގަށް ވުރެ ބޮޑުކޮށް ކަޅުބަޒާރުގައި ބޭރު ފައިސާ ވިއްކާކަމުގެ ހަބަރު މީޑިއާގައި ޖެހުން މަނާކޮށް، ބޭރުފައިސާއާ ބެހޭ ބިލަށް ގެނައި އިސްލާހުތައް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

މިއަދު ބޭއްވި މަޖިލިސް ޖަލްސާގައި ބޭރު ފައިސާއާ ބެހޭ ބިލަށް ގެނައި އިސްލާހުތައް ފާސްކުރީ 47 މެންބަރުންގެ ވޯޓުންނެވެ. ބިލު ފާސްކުރަން ނުފެންނަ ކަމަށް 12 މެންބަރުން ވޯޓު ދެއްވި އެވެ.

މާލިއްޔަތު ކޮމިޓީން ގެނައި އަނެއް އިސްލާހަކީ، އެމްއެމްއޭން ކަނޑައަޅާފައިވާ ރޭޓަށް ވުރެ ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާކަން އިޝްތިހާރުކުރުމާއި ޕްރޮމޯޓުކުރުން މަނާކުރުމެވެ. މިގޮތުން ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ނުވަތަ އެ ނޫން ވެސް ގޮތަކަށް ކަޅުބާޒާރުގެ ރޭޓުތައް ހާމަކުރުމާއި، ޝާއިއުކުރުމާއި އަދި ފެތުރުމަކީ ކުށެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.

މި މާއްދާއާ ހިލާފުވާ ފަރާތްތަކަށް ކަނޑައަޅާފައިވާ އަދަބުތައް:

  • އާންމު ފަރުދަކު މިފަދަ އަމަލެއް ކޮށްފިނަމަ 25،000 ރުފިޔާ އާއި 500،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން.
  • ގާނޫނީ ޝަހުސަކުން ނުވަތަ ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިއަކުން މިފަދަ މައުލޫމާތެއް އާންމުކޮށްފިނަމަ 100،000 ރުފިޔާ އާއި ފަސް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން.
އަދި މީގެ އިތުރުން، ގާނޫނުގައި މަނާކޮށްފައިވާ ކަމެއް ކުރުމަކީ ޖިނާއީ ކުށެއް ކަމަށް އެހެން ގާނޫނެއްގައި ބަޔާންކޮށްފައިވާ ނަމަ، އިދާރީ ފިޔަވަޅު އެޅުމުގެ އިތުރަށް އެ ފަރާތެއްގެ މައްޗަށް ޖިނާއީ ދައުވާ އުފުލުމުގެ އިހްތިޔާރު ވެސް ލިބިގެންވާ ކަމަށް މި އިސްލާހުގައި ބަޔާންކޮށްފައި ވެއެވެ.

މި އިސްލާހުތަކަކީ ރާއްޖޭގެ ބޭރު ފައިސާގެ ނިޒާމު ހަރުދަނާކުރުމަށް އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު ވެސް ގެންނަން ނިންމަވާފައިވާ ކަމަށް އިއުލާނުކުރެއްވި ބަދަލުތަކެކެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު