
މަރުކަޒީ ބޭންކު، އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު އިއްޔެ ވިދާޅުވީ މިހާރު ހުށަހަޅާފައިވާ ބޭރު ފައިސާގެ ގާނޫނަށް ގެންނަ އިސްލާހުތަކަށް ބަދަލު ގެނެސް ރިސޯޓްތަކަށް ލިބޭ ޑޮލަރުގެ %40 މަހަކު އެއް ފަހަރު މާރުކުރަން ޖެހޭ ގޮތަށް ބަދަލުކުރަން ނިންމާފައިވާ ކަމަށެވެ.އެ ނިންމުމަށް ފާޑުވިދާޅުވެ ނަޝީދު ސޯޝަލް މީޑިއާގައި ވިދާޅުވީ ރިސޯޓުތަކަށް ޑޮލަރުން ލިބޭ އާމްދަނީގެ %40 މާރުކުރާ ގޮތަށް މަޖުބޫރުކުރުމަކީ އިގްތިސޯދީ ގޮތުން ރިސްކުތައް އޭގައި އެކުލެވޭނެ ސިޔާސަތެއް ކަމަށެވެ.ނަޝީދު ވިދާޅުވީ ރާއްޖޭގައި ހިންގާ ގިނަ ރިސޯޓުތަކަކީ ޑޮލަރުން ދަރަނި ދައްކާ ގޮތަށް ކޮށްފައިވާ އިންވެސްޓުމެންޓުތައް ކަމަށެވެ.މީގެ އިތުރުން، އެ ސިނާއަތުގައި ރާއްޖޭން ބޭރުގެ އިންވެސްޓުމެންޓުތައް ގިނަކަން ފާހަގަކުރައްވައި ނަޝީދު ވަނީ މި ބަދަލުގެ ސަބަބުން އެ މީހުން ރާއްޖެއަށް އިންވެސްޓުކުރަން އޮތް ސީދާ ޝައުގުވެރިކަމަށް އަސަރުކުރާނެ ކަމަށް ވިދާޅުވެފަ އެވެ."މިއީ ޓޫރިޒަމް ސެކްޓާގެ ދިގު ރާސްތާގެ ދެމެހެއްޓެނިވި ކަމަށާއި އިންވެސްޓަރުންގެ އިތުބާރަށް އަސަރު ކުރާނެ ކަމެއް،" އެ މަނިކުފާނު ވިދާޅުވި އެވެ.އެމްއެމްއޭގެ ނިންމުމާއި ގުޅިގެން ރިސޯޓް ވިޔަފާރިވެރިންގެ ޖަމްއިއްޔާ، މަޓީން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. މަޓީން ނެރުނު ބަޔާނެއްގައި ފާހަގަކުރި ގޮތުގައި، ތެލާއި، މުސާރައާއި، ސާވިސް ޗާޖާއި، ޓެކުހުގެ އިތުރުން ބޭރުގެ ލޯނުތައް ދެއްކުމަށް ރިސޯޓުތަކުން ބޮޑެތި ހޭދަތަކެއް ޑޮލަރުން ކުރަންޖެހެ އެވެ. އަދި ވަކިވަކި އޮޕަރޭޓަރުންނަށް ކުރެވޭ ތުހުމަތުތަކެއްގެ ސަބަބުން މުޅި ސިނާއަތަށް ބުރަވާނެ ފަދަ ސިޔާސަތުތަކެއް ކަނޑައެޅުމަކީ އިންސާފެއް ނޫން ކަމަށް ވެސް އެ އެސޯސިއޭޝަނުން ބުނެފައިވެ އެވެ.