ޚަބަރު
ފަޅުރަށްތައް ކުއްޔަށް ދޫކުރުމުގެ ހުރިހާ ބާރެއް ރައީސުލްޖުމްހޫރިއްޔާ އަށް ދޭން ފާސްކޮށްފި
ރާއްޖޭގެ ފަޅުރަށްރަށާއި ފަޅުތައް އެކި ބޭނުންތަކަށް އެކަށައެޅުމާއި ކުއްޔަށް ދިނުމުގެ ހުރިހާ ބާރެއް ރައީސުލްޖުމްހޫރިއްޔާއަށް އިތުރަށް މަގުފަހިވާ ގޮތަށް ގާނޫނަށް ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

އެ ބިލު މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވި 47 މެންބަރުންގެ ވޯޓާއެކު އެވެ. އެ ބިލާ ދެކޮޅަށް 12 މެންބަރުން ވޯޓުދެއްވި އެވެ.

މަޖިލީހުން ފާސްކުރި ބިލުގައިވާ ގޮތުން، ރާއްޖޭގެ ފަޅުރަށްރަށާއި ފަޅުތައް އެކި ކަންކަމަށް އެކަށައެޅުމުގެ އިހުތިޔާރު މަތިކޮށްފައިވަނީ ސީދާ ރައީސުލްޖުމްހޫރިއްޔާއަށެވެ. އަދި މިފަދަ ތަންތަން ކުއްޔަށް ދޫކުރެވޭނެ އަސާސީ މުއްދަތަކީ 21 އަހަރު ދުވަސް ކަމުގައި ކަނޑައަޅާފައިވާއިރު، ކަމާބެހޭ މިނިސްޓްރީތަކާއި ކައުންސިލްތަކަށް އެ މުއްދަތު 50 އަހަރަށް އިތުރުކުރުމުގެ ބާރު ވަނީ ދީފަ އެވެ. މީގެ އިތުރުން ފަސް އަހަރު ދުވަހުގެ މުއްދަތަކަށް ވަރުވާއަށް ރަށްރަށް ދޫކުރުމުގެ ފުރުސަތުވެސް ބިލުގައި ފަހިކޮށްދީފައިވެއެވެ.

ފަޅުރަށްރަށް ކުއްޔަށް ދޫކުރެވޭނެ ދާއިރާތަކުގެ ތެރޭގައި ފަތުރުވެރިކަން، ސިނާއީ މަސައްކަތްތައް، މަސްވެރިކަން، ދަނޑުވެރިކަން، އެހެނިހެން އިގުތިސާދީ އަދި އިޖުތިމާއީ ބޭނުންތަކުގެ އިތުރުން ދައުލަތުގެ ބޭނުންތައް ހިމެނެއެވެ.

މި ބިލުގައި ރަށްރަށާއި ފަޅުތައް ކުއްޔަށް ދޫކުރާނެ އަގުތައް ވެސް ވަނީ ބަޔާންކޮށްފައެވެ. އެގޮތުން:

  • ސިނާއީ އަދި އިގުތިސާދީ ބޭނުންތަކަށް ދޫކުރާ ރަށްރަށުގެ ކުއްޔަކީ އަކަމީޓަރަކަށް އަހަރަކު 3 ރުފިޔާ އެވެ.
  • މަސްވެރިކަމާއި ދަނޑުވެރިކަމަށް ދޫކުރާ ރަށްރަށުގެ ކުއްޔަކީ އަކަމީޓަރަކަށް 2.50 ރުފިޔާ އެވެ.
  • އިޖުތިމާއީ ބޭނުންތަކަށް ދޫކުރާ ރަށްރަށުގެ ކުއްޔަކީ އަކަމީޓަރަކަށް 2 ރުފިޔާ އެވެ.
ފަޅުތައް ކުއްޔަށް ދޫކުރުމަށް ކަނޑައަޅާފައިވަނީ ބޮޑެތި އަދި މެދުފަންތީގެ ސިނާއީ މަސައްކަތްތަކަށާއި، ބޮޑެތި އިގުތިސާދީ މަޝްރޫއުތަކުގެ އިތުރުން އެކުއަކަލްޗާގެ ހަރަކާތްތަކަށެވެ. އެގޮތުން ސިނާއީ އަދި އިގުތިސޯދީ ބޭނުމަށް ދޫކުރާ ފަޅުތަކުގެ ކުއްޔަކީ އަކަމީޓަރަކަށް 3 ރުފިޔާ އެވެ. އަދި މަސްވެރިކަމުގެ ބޭނުމަށް ދޫކުރާ ފަޅުތަކުގެ އަގަކީ އަކަމީޓަރަކަށް 50 ލާރި އެވެ.

ވިޔަފާރީގެ އުސޫލުން ފަޅުރަށްރަށާއި ފަޅުތައް ކުއްޔަށް ހިފުމުގެ ފުރުސަތު ލިބެނީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކާއި، ޕާޓްނާޝިޕްތަކާއި، އަމިއްލަ ފަރުދުންގެ ވިޔަފާރިތަކަށެވެ. އަދި ރާއްޖޭގައި ރީ-ރަޖިސްޓްރީ ކޮށްގެން ހިންގާ ބޭރުގެ ކުންފުނިތަކަށާއި ޕާޓްނާޝިޕްތަކަށްވެސް މި ފުރުސަތު އޮންނާނެއެވެ.

މި މުއާމަލާތްތަކުގެ ދެފުށް ފެންނަ މިންވަރު ކަށަވަރުކުރުމުގެ ގޮތުން، ކުއްޔަށް ދޫކުރާ ރަށްރަށާ ގުޅޭ ތަފްސީލީ މައުލޫމާތު އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އޮޑިޓަރު ޖެނެރަލްގެ އޮފީހާ ހިއްސާކުރުން ކަމާބެހޭ ވުޒާރާތަކަށް މި ބިލުގެ ދަށުން ވަނީ ލާޒިމުކޮށްފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު