އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް، ކުރިން ވެސް އެ މަގާމު ފުރުއްވާފައިވާ އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފި އެވެ.
މި ވަގުތު އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމުގައި ހުންނެވި އަހުމަދު އާހިދު ރަޝީދުގެ ފަސް އަހަރުގެ ދައުރު އަންނަ މަހު 6އަށް ހަމަވާތީ، އެ މަގާމަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހަށް ރައީސް މުއިއްޒު ފޮނުއްވީ ވެސް އަޒީޒުގެ ނަން އެކަންޏެވެ.ރައްޔިތުންގެ މަޖިލީހުން މިއަދު ބޭއްވި ޖަލްސާގައި އަޒީޒު އައްޔަންކުރުމަށް ރުހުން ދިނުމަށް ފާސްކުރީ 47 މެންބަރުންގެ ވޯޓުންނެވެ. ރުހުން ދޭން ނުފެންނަ ކަމަށް ވޯޓު ދެއްވީ 11 މެންބަރެކެވެ.އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމުގެ މުއްދަތު ހަމަވެގެން އޭނާ މަގާމުން ވަކިވެވަޑައިގަތީ ޖުލައި 22، 2019 ގަ އެވެ.
އަބްދުލްއަޒީޒަކީ ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރުކަން ވެސް ކުރެއްވި ބޭފުޅެކެވެ. ދިވެހި ބަހާ ބެހޭ އެކަޑަމީގައި މަސައްކަތް ކުރައްވައި ބަހާ ބެހޭ ބައެއް ފޮތްތައް ވެސް ވަނީ ލިޔުއްވައިފަ އެވެ.އަޒީޒުގެ އިންފޮމޭޝަން ކޮމިޝަނަރުގެ ފުރަތަމަ ދައުރުގައި، ކޮމިޝަނަށް ހުށަހެޅޭ ގިނަ މައްސަލަތައް ބޭރުކޮށްލާފައިވާތީ އާއި ގިނަ އަޑުއެހުންތައް ސިއްރުން ބާއްވާފައިވާތީ އޭނާ އަނެއްކާ ވެސް އެ މަގާމަށް އައްޔަންކުރަން އުޅޭތީ ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އޭގެ ތެރޭގައި ޓްރާންސްޕޭރެންސީ މޯލްޑިވްސް ފަދަ ހާމަކަންބޮޑު ދައުލަތެއް ހިންގުމަށް ވަކާލާތުކުރާ ޖަމިއްޔާ ޖަމާއަތްތައް ވެސް ހިމެނެ އެވެ.