ޚަބަރު
އިންފޯމޭޝަން ކޮމިޝަނަރުކަމަށް ފުރަަތަމަ ކޮމިޝަނަރު އަބްދުލްއަޒީޒް އައްޔަންކުރަނީ
އަބްދުލްއަޒީޒު ޖަމާލް އަބޫބަކުރު
އިންފޮމޭޝަން ކޮމިޝަނަރު އަހުމަދު އާހިދު ރަޝީދުގެ މަގާމުގެ މުއްދަތު އަންނަ ސެޕްޓެމްބަރު މަހު ހަމަވާތީ އެ މަގާމަށް އައްޔަން ކުރަން ކުރީގެ އިންފޮމޭޝަން ކޮމިޝަނަރު އަބްދުލްއަޒީޒު ޖަމާލް އަބޫބަކުރުގެ ނަން، ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފި އެވެ. 

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމު އެންމެ ފުރަތަމަ އަދާކުރެއްވި ބޭފުޅަކީ ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރެވެ. އޭނާއަކީ 17 ވަނަ ރައްޔިތުންގެ މަޖިލީހުގައި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު އެކުލަވަައިލުމުގެ މަސައްކަތުގައި އިސްދައުރެއް އަދާކުރެއްވި ބޭފުޅެކެވެ.

އިންފޯމޭޝަން ކޮމިޝަނަރުގެ މަގާމުގައި ހުންނެވި ދުވަސްވަރު މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އެކުލަވައިލަންޖެހޭ ގިނަ ގަވާއިދުތަކެއް އެކުލަވައިލައްވައި، ކޮމިޝަނަރުގެ އޮފީހުގެ އިދާރީ އޮނިގަނޑުތަކާއި ތަރުތީބުތައް އިންތިޒާމުކުރެއްވުމުގައިވެސް ގިނަ މަސައްކަތްތަކެއް އަބްދުލްއަޒީޒު ކުރެއްވި އެވެ.

ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމުގައި މިހާރު ހުންނެވި އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރަކީ  ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރުކަން ވެސް ކުރެއްވި ބޭފުޅެކެވެ. ދިވެހި ބަހާ ބެހޭ އެކަޑަމީގައި މަސައްކަތް ކުރައްވައި ބަހާ ބެހޭ ބައެއް ފޮތްތައް ވެސް ވަނީ ލިއުއްވައިފަ އެވެ.  

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު