މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އަމިއްލަ އިސްނެގުމުގެ މަތިން އާންމުކުރަން ޖެހޭ މައުލޫމާތު އާންމުކުރި ސަރުކާރުގެ ފުރަތަމަ ކުންފުންޏަކަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ވެއްޖެ އެވެ.
އެޗްޑީސީން ބުނީ މިއީ ރައްޔިތުންގެ މަސްލަހަތަށްޓަކައި، މަދުވެގެން އަހަރަކު އެއްފަހަރު އާންމުކުރަންޖެހޭ މައުލޫމާތަކަށް ވާއިރު، އެޗްޑީސީގެ ރަސްމީ ވެބްސައިޓުގައި މިކަމަށް ހާއްސަ އިންފޮމޭޝަން ޑައިރެކްޓްރީއެއް ގާއިމުކޮށް، އެ ހުރިހާ މައުލޫމާތެއް އާންމުންނަށް ބެލޭނެހެން މިހާރު އާންމުކޮށްފައިވާ ކަމަށެވެ. އަދި މިގޮތަށް މައުލޫމާތު އާންމުކުރި ފުރަތަމަ އެސްއޯއީއަށް ވެގެން ދިއުމަކީ އެ ކޯޕަރޭޝަނަށް ލިބޭ ވަރަށް ބޮޑު ފަހުރެއް ކަމަށްވެސް އެޗްޑީސީން ބުންޏެވެ.މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން، އާރުޓީއައިއަކާ ނުލައި ވެސް ސަރުކާރުގެ އިދާރާތައް ނުވަތަ މިނިސްޓްރީތަކުގެ އިތުރުން ރައީސް އޮފީހުން ކޮންމެހެން ހާމަކޮށްފައި ހުންނަން ޖެހޭ މައުލޫމާތު އެ ހުރިހާ އިދާރާއަކުން ތާރީހުގައި ފުރަތަމަ ފަހަރަށް ހާމަކުރި ކަމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން މި މަހު ކުރީކޮޅު ވަނީ ބުނެފަ އެވެ.
ތަފާސްހިސާބާ އެކު، އިންފޮމޭޝަން ކޮމިޝަނަރު އާހިދު ރަޝީދު މި މަހު ކުރީކޮޅު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އިދާރާތަކުން އަމިއްލައަށް އިސްނަގައިގެން އާންމުކުރަން ޖެހޭ މައުލޫމާތު ނުވަތަ ޕްރޯއެކްޓިވް ޑިސްކްލޯޒާގެ އެވްރެޖު 100 ޕަސެންޓު ރައީސް އޮފީހާއި މި ސަރުކާރުގެ 16 މިނިސްޓްރީއަކުން މިހާރު ހާސިލުކޮށްފައިވާ ކަމަށެވެ.