ޚަބަރު
އެޗްޑީސީ ސްޓާފުންގެ ފަރާތުން ބްލަޑް ބޭންކަށް ލޭ ހަދިޔާކުރުމަށް ކޭމްޕެއް
އެޗްޑީސީ ސްޓާފުންގެ ފަރާތުން "ބްލަޑް ބޭންކް" އަށް ލޭ ހަދިޔާކުރުމުގެ ބްލަޑް ކޭމްޕެއް މިއަދު ފަށައިފި އެވެ.

މޯލްޑިވިއަން ބްލަޑް ސަރވިސް (އެމްބީއެސް) އާ ގުޅިގެން ކުރިއަށް ގެންދިޔަ މި ކޭމްޕްގައި އެޗްޑީސީގެ އެކި ޑިޕާޓްމަންޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުން ލޭ ހަދިޔާކޮށްފައިވެ އެވެ.

އެޗްޑީސީގެ ސީއެސްއާރް އެސިސްޓެންޓް ޑިރެކްޓަރު ޙަސަން ޝަހީދު ވިދާޅުވީ، މިފަދަ ކަމަކަށް އިސްނެގީ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ފަރާތުން ބްލަޑް ބޭންކުގައި ލޭ މަދުވެފައިވާކަން އެންގުމާ ގުޅިގެން ކަމަށެވެ. އަދި ކުންފުނީގެ މުވައްޒަފުންގެ ފަރާތުން މި ކޭމްޕަށް ވަރަށް ފުރިހަމަ އެއްބާރުލުމަކާއި ތަރުޙީބެއް ލިބުނު ކަމަށް ވިދާޅުވި އެވެ.

އެޗްޑީސީގެ އިޖުތިމާއީ ޒިންމާގެ ދަށުން، ބްލަޑް ބޭންކަށް ލޭ ހަދިޔާކުރުމަށް މިއަހަރުގެ ޖެނުއަރީ މަހުވެސް ވަނީ ސްޓާފުންގެ ބަލްޑް ކޭމްޕެއް ބާއްވާފަ އެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ސިލްސިލާކޮށް މިފަދަ ހަރަކާތްތައް ކުރިއަށްގެންދިއުމަކީ އަމާޒެއް ކަމަށް އެޗްްޑީސީން ބުނެފައިވެ އެވެ.

މިި ފަހުން ރާއްޖެ އަށް ލޭ ލިބުމުގެ ދަތިކަން ކުރިމަތިވެފައިވާ އެކިއެކި ކުންފުނިތަކާއި ރާއްޖޭގައި ހުންނަ ބޭރުގެ ބައެއް އެމްބަސީންތަކުން ވެސް ދޭތެރެ ދޭތެރެ އިން އަންނަނީ ލޭ ހަދިޔާ ކުރުމުގެ ހަރަކާތްތަކެއް ހިންގަމުންނެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު