ކޮލަމް
ހުޅުމާލެއަކީ ދުނިޔޭގެ އެންމެ ރީތި އެއް ޝަހަރަށް ހެދިދާނެހެއްޔެވެ؟
ހުޅުމާލެ ދެވަނަ ފޭސް - ފޮޓޯ: ދައުރު
ސުވާލަކީ ހުޅުމާލެއަކީ ދުނިޔޭގެ އެންމެ ރީތި އެއް ޝަހަރަށް ހެދިދާނެހެއްޔެވެ؟ ޖަވާބަކީ ޝައްކެއް ނެތް ގޮތުގައި، ހެދިދާނެއެވެ.

ނަމަވެސް އެކަން ކުރެވޭނީ މިހާރު އަޅުގަނޑުމެން އެ ރަށާ މެދު ކަންތައް މި ކުރާ ގޮތް ބަދަލު ކޮށްގެންނެވެ. ރާއްޖޭގެ ކޮރަޕްޓް ސިޔާސީ ޕާޓީތަކާއި ނުބައި "ޑީޕް ސްޓޭޓް" ގެ މީހުންގެ "ކޭޝް ކައު" އަކަށް ރަށް މިހާރު ވަމުންދާ ދިޔުން ހުއްޓުވައިގެންނެވެ. ރަށް ތަރައްޤީ ކުރުމަށް ޓަކައި ފުރަތަމަ ކޮށްފައި އޮތް ޕްލޭނާ އެއްގޮތަށް، އެ ޕްލޭން އިތުރަށް ފުރިހަމަ ކުރުމަށް ކުރާން ޖެހޭ ކަންކަން ކޮށްގެން، ރަށް މަޑުމަޑުން ތަރައްޤީ ކޮށްގެންނެވެ. ރަށުގައި ވީހައި ގިނަ ހިސާބުތަކެއް، ފެހިކޮށް، ޤުދުރަތީ މާޙައުލު ދެމިއޮންނަ ތަންތަނުގެ ގޮތުގައި ބާއްވައިގެންނެވެ. ތަނުގައި އަޅާ ޢިމާރާތްތައް ރީތި ކޮށްގެންނެވެ. މާލެ ފަދަ ގޮނގުރެޓު ޖަންގައްޔަކަށް ހުޅުމާލެ ވިޔަނުދީ ބާއްވައިގެންނެވެ. ތަފާތު ވައްތަރުވައްތަރުގެ ގަސްގަހާގެއްސާއި މާމެލާމެލި ރަށުގައި ގިނަ ކޮށްގެންނެވެ. 

"ފޭސް 2" އެވެ ކިޔޭ ސަރަޙައްދާއި ހުޅުމާލޭގެ އެހެން ވެސް ބައެއް ސަރަޙައްދުތަކުގައި ފްލެޓްތަކުގެ ގޮތުގައި އަޅައިފައި އެހެރަ "ސްލަމް ބިލްޑިންގސް" ތައް ކުރިމަގުގައި ނަގައިލައި، ރީތި ކޮންޑޮމީނިއަމްތަކާއި ރީތި ގެދޮރު ހުޅުމާލޭގައި އަޅައިގެންނެވެ. ކޮންމެ ގެއެެއްގެ ތިރީގައި ވިޔަފާރި މަރުކަޒެއް ހެދުން ފަދަ ކަންކަން ހުއްޓުވައި، ދިރިއުޅުމަށް ޚާއްޞަ ބިންތަކުގައި ހަމައެކަނި ގެދޮރު، އަދި ވިޔަފާރި ތަންތަން އުޞޫލެއްގެ ގޮތުން ވިޔަފާރި ބިންތަކަށް ޚާއްޞަ ކޮށްގެން، ހަރުދަނާ ޕްލޭނެއްގެ ދަށުން ބިން ބޭނުން ކޮށްގެންނެވެ.

ހުޅުމާލޭގައި އަޅާ މުހިއްމު ޢިމާރާތްތަކަކީ މުސްލިމް އަންދަލުސް ނުވަތަ އެހެނިހެން އިސްލާމީ ޙަޟާރަތްތަކުގެ މިޢުމާރީ ފަންނުވެރިކަން ޒަމާނީ ގޮތެއްގައި ދައްކައިދޭ ޝަހަރަކަށް ވުން ވެސް އެދެވެއެވެ.

މި ހުރިހައި ކަމަކަށް ވުރެ ބޮޑަށް، ހުޅުމާލެ ދުނިޔޭގެ އެންމެ ރީތި އެއް ޝަހަރަށް ހެދޭނީ، އެ ތަނަކީ "ރީތި މީހުން" އުޅޭ ތަނަކަށް ހަދައިގެންނެވެ. "ރީތި މީހުންނޭ" މި ދެންނެވީ ބުރުސޫރައިގެ ވާހަކައެއް ނޫނެވެ. އަޅާ ހެދުމާއި ކުރާ މޭކަޕުގެ ވާހަކައެއް ނޫނެވެ. އަޅާ އަވިއައިނުތަކާއި ގަހަނާތަކުގެ ވާހަކައެއް ނޫނެވެ. "ރީތި މީހުންނޭ" މި ދެންނެވީ މާތް ވެގެންވާ އިސްލާމް ދީނުގެ މަތިވެރި އަޚްލާޤާއި އިޙްސާންގެ ސިފަތަކުން ޒީނަތްތެރި މީހުންގެ ވާހަކައެވެ. މުޖުތަމަޢުން ހުރިހައި ދިމަދިމާޔަކުން ވެސް ރީތި އަޚްލާޤާއި ރީތި އަދަބުތައް ފެންނާން ޖެހޭ ވާހަކައެވެ.

މި ދެންނެވި ގޮތްގޮތުން ހުޅުމާލެ ހެޔޮ ގޮތުގައި ޒީނަތްތެރި ކުރެވިއްޖެއްޔާ، އެއީ ދުނިޔޭގެ އެންމެ ރީތި އެއް ޝަހަރަށް ހެދިދާނެކަމާ މެދަކު ޝައްކެއް ނެތެވެ.

--

ނޯޓް: މި ލިއުމަކީ ޖުޑިޝަލް އެކަޑަމީގެ ކުރީގެ ޗާންސެލަރު އަހުމަދު މާޖިދުގެ ފޭސްބުކް ސަފުހާއިން ނަގައިފައިވާ ލިއުމެކެވެ.  

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު