ގައިދީންނަށް ގުނަވަން ހަދިޔާ ނުކުރެވޭ ގޮތަށް ބަދަލުކޮށް، ގުނަވަން ޓްރާންސްޕްލާންޓުކުރާ ބިލު ފާސްކޮށްފި
ޔޫނުސް އިބްރާހިމް
14 ޖުލައި 2026 - 13:25
0 comments
ވިހިވަނަ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން --- ފޮޓޯ: މަޖިލިސް އިދާރާ
އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓު ކުރުމާގުޅޭ ބިލަށް މައިގަނޑު 3 އިސްލާހެއް ގެނެސް، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
މި ބިލަކީ މީގެ ކުރިން މިދިޔަ މެއި މަހު މަޖިލީހުން ފާސްކޮށް ތަސްދީގުކުރަން ފޮނުވި ބިލެކެވެ. ނަމަވެސް، ބިލު ތަސްދީގު ނުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ބައެއް ކަންކަމަށް އަލުން ވިސްނުމަށް އެދިވަޑައިގެން ބިލު އަނބުރާ މަޖިލީހަށް ފޮނުވާލައްވާފައެވެ.ރައީސް ފާހަގަކުރެއްވި އެންމެ ބޮޑު އެއް ކަމަކީ ބަންދުގައި ތިބޭ މީހުންނާއި ގައިދީންނަށް ގުނަވަން ހަދިޔާ ކުރެވޭ ގޮތަށް ބިލު އޮތުމެވެ.ރައީސް މަޖިލީހަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ، ބަންދެއްގައި ތިބޭ މީހުންނަކީ އެ މީހުންގެ އަމިއްލަ އިހްތިޔާރާއި މިނިވަންކަން ގައިދުވެފައިވާ ބަޔަކަށް ވާތީ، އެއްވެސް މަޖުބޫރުކަމެއް ނެތި ފުރިހަމަ ރުހުމުގައި ގުނަވަން ހަދިޔާކުރުމުގެ ފުރުސަތު އެފަދަ މީހުންނަށް ދިނުމަކީ ގާނޫނު ތަންފީޒުކުރުމުގައި ގޮންޖެހުންތަކެއް ކުރިމަތިވެދާނެ ކަމެއް ކަމަށެވެ.އެހެންކަމުން، އިޖުތިމާއީ ކޮމިޓީން ބިލު ދިރާސާކޮށް ގެނައި އިސްލާހުގައި ވަނީ ގުނަވަން ހަދިޔާކުރާ މީހަކީ ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި މީހަކަށް ނުވަތަ ގައިދީއަކަށް ވެގެން ނުވާނެ ކަމަށް ކަނޑައަޅާފައެވެ.ބިލަށް ގެނައި އަނެއް މުހިންމު ބަދަލަކީ ގާނޫނާ ހިލާފަށް ގުނަވަން ނެގުމާއި ޓްރާންސްޕްލާންޓް ކުރުމުގެ ކުށަށް ކަނޑައަޅާފައިވާ އަދަބުތަކެވެ. ކުރިން ބިލުގައި ގިސޯސް ހިފުމާއި ދިޔަ ނަގައިދިނުން ހިމެނި ނަމަވެސް، ކޮމިޓީ މަރުހަލާގައި އެ ބައިތައް ވަނީ އުނިކޮށްފައެވެ.މި ބިލަކީ ރާއްޖޭގައި ރައްކާތެރިކަމާއެކު އިންސާނުންގެ ގުނަވަންތައް ޓްރާންސްޕްލާންޓް ކުރެވޭނެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމަށް އެކުލަވާލާފައިވާ ގާނޫނީ އޮނިގަނޑެކެވެ. މި ބިލުގެ ދަށުން ހުއްދަ ދެވެނީ ހަމައެކަނި ދިވެހި ބާލިޣުވެފައިވާ މީހުން އަމިއްލަ އިހުތިޔާރުގައި ހަދިޔާކުރާ ގުނަވަންތައް ބޭނުންކުރުމަށެވެ. ނަމަވެސް، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ މީހުންނާއި ގައިދީންގެ ގުނަވަން ހަދިޔާކުރުމަކީ މަނާކަމެކެވެ.މީގެ އިތުރުން، ގުނަވަން ވިއްކުމާއި ގަތުމަކީ އަދި ރުހުމަކާ ނުލައި ގުނަވަން ނެގުމަކީ ބޮޑު ކުށެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ. އަދި ލައިސަންސް ނެތި ހިދުމަތް ދިނުމާއި އޮޅުވާލައިގެން މައުލޫމާތު ދޭ ފަރާތްތަކަށް ހަރުކަށި އަދަބު ދިނުމަށް ވެސް މި ބިލުގައި ބަޔާންކޮށްފައިވެއެވެ.
ކިޔުންތެރިންގެ ޝުއޫރު