ޚަބަރު
މި ސަރުކާރުން ބޮޑުކުރި ސިނގިރޭޓު ޑިއުޓީ ކުޑަކުރަން މަޖިލީހުން ފާސްކޮށްފި
ސިނގިރޭޓުން ނަގާ ޑިއުޓީ 4 ރުފިޔާއަށް ކުޑަކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

ސަރުކާރު ފަރާތުން އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް އެ އިސްލާހު ހުށަހެޅީ މިދިޔަ ހަފުތާގެ ހޯމަ ދުވަހެވެ. މި ބިލު ބުދަ ދުވަހު ބަލައިގަނެ، ދިރާސާކުރަން ވަނީ މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވައިލައިފައެވެ. އެކަމަކު މާ ބޮޑު ދިރާސާއެއް ކުރުމެއްނެތި ބިލު ފާސްކުރަން ކޮމިޓީން ވަނީ ނިންމައިފަ އެވެ.

އެމްޑީޕީގެ ތިން މެންބަރަކު ވޯޓުގައި ބައިވެރިނުވި ނަމަވެސް، އެ ޕާޓީގެ ބައެއް މެންބަރުން ހިމެނޭހެން މުޅި މަޖިލީހުގެ ކޮމިޓީން ވަނީ، ހޯމަ ދުވަހު އޮތް ކޮމިޓީ ބައްދަލުވުމުގައި 69 މެންބަރުންގެ އިއްތިފާގުން ބިލު ފާސްކޮށްފައެވެ.

އެހެންކަމުން މިއަދު އޮތީ މަޖިލީހުން ބިލު ފާސްކުރަން ވޯޓަށް އެހުމެވެ. ބިލު ފާސްކުރަން ރިޔާސަތުން ވޯޓަށް އެހުމުން، ވޯޓުގައި ބައިވެރިވި 68 މެންބަރުންގެ އިއްތިފާގުންނެވެ.

މި ބިލު ހުށަހެޅުމުގެ މައިގަނޑު އެއް މަގުސަދަކީ ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުވުމަށް އެހީތެރިވެދޭ ވަސީލަތްތަކަށް މަގުފަހިކޮށްދިނުމެވެ. އެގޮތުން، ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުމަށް ބޭނުންކުރާ ނިކޮޓިން ޗުއިންގަމާއި، ނިކޮޓިން ޕެޗް ފަދަ ތަކެތިން ޑިއުޓީ މާފުކުރުމަށް މި ބިލުގައި ހިމަނާފައިވެއެވެ.

މި ބިލު މަޖިލީހުން ފާސްވެ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރެއްވުމާއެކު ގާނޫނަށް އަމަލުކުރަން ފަށާނެއެވެ. އަދި ގާނޫނަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި އެއާ ގުޅޭ ގަވާއިދުތަކާއި އުސޫލުތައް އިސްލާހުކޮށް އާންމުކުރަން ޖެހޭނެ ކަމަށްވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު