ޚަބަރު
ސަރުކާރު ކުންފުނިތަކުން ބައެއް މުވައްޒަފުން ވަކިކުރާތީ މިނިސްޓަރު ޒަރީރާ ސުވާލުކުރަނީ
ފިނޭންސް މިނިސްޓަރު ހަސަން ޒަރީރަށް އެ މިނިސްޓްރީން މަރުހަބާ ކިޔަނީ
ސަރުކާރު ކުންފުނިތަކުގެ މަދަނީ އަދި އިދާރީ ވަޒީފާތަކުގައި ތިބި އެމްޑީޕީގެ ސަޕޯޓަރުން ވަކިކުރަމުންދާ މައްސަލާގައި، ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރުމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށަހަޅައިފި އެވެ.

ކުޑޫ ހުށަހެޅުއްވި މައްސަލައިގައި ވަނީ، ގާނޫނުއަސާސީގެ 115 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ތެރެއިން އުފައްދާ ސިޔާސީ މަގާމުތައް ފިޔަވައި ދައުލަތުގެ އެހެން އެއްވެސް ވަޒީފާއަކަށް މީހުން އައްޔަންކުރުމާއި ވަކިކުރުމުގައި އޭނާ ސިޔާސީ ގޮތުން ގެންގުޅޭ ހިޔާލުތަކާއި އޭނާ ނިސްބަތްވާ ސިޔާސީ ޕާޓީއަށް ބަލައިގެން ތަފާތުކުރުމަކީ ގާނޫނުން ހުއްދަކުރާ ކަމެއް ނޫން ކަމަށެވެ.

އެހެންކަމުން ފިނޭންސް މިނިސްޓަރާ ކުރައްވަން ހުށަހެޅުއްވި ސުވާލުގައި ވަނީ، ސަރުކާރު ހިއްސާވާ ކުންފުނިތަކުން އެމްޑީޕީގެ މެންބަރުންގެ ގޮތުގައި ތިބި މުވައްޒަފުންނަށް އިންޒާރުދީ، ގާނޫނާ ހިލާފަށް ވަޒީފާއިން ވަކި ކުރަމުން ގެންދަނީ ކޮން ކޮން އުސޫލަކުން އަދި ކީއްވެގެންތޯ އެވެ. 

ނިމިދިޔަ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ކެމްޕޭނުގައި ކުރީގެ ރައީސް ނަޝީދަށް ތާއީދުކޮށް ނުކުތް ސަރުކާރު މުވައްޒަފުންނަށް ވަނީ ފިޔަވަޅު އަޅައިފައިވެ އެވެ. މީގެ އިތުރުން ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ކެމްޕޭނުގައި ބައިވެރިވި 10 ވަރަކަށް މީހުން މިހައިތަނަށް ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް އެ ދާއިރާގެ މަޖިލިސް ގޮނޑި ކާމިޔާބުކުރެއްވި އަބްދުﷲ ސޯދިގު (ސޯބެ) ވެސް ވަނީ ރޭ ވިދާޅުވެފައި އެވެ.

އެމްޑީޕީން ރޭ ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަމުން ސޯބެ ވިދާޅުވީ އޭނާގެ އިންތިހާބަށް މަސައްކަތްކޮށްދިން ގާތްގަނޑަކަށް 10 ވަރަކަށް މީހުން ވަޒީފާއިން ވަކިކޮށްފައިވާ ކަމަށާއި އަދި ބައެއް މީހުން ސަސްޕެންޑްކޮށްފައިވާއިރު، ވަޒީފާތަކުން ވަކިކުރާނެ މީހުންގެ ދިގު ލިސްޓެއް ވެސް އެބައޮތް ކަމަށެވެ.

"އަޅުގަނޑުގެ އިންތިހާބުގައި އަޅުގަނޑާ އެކު އަޅުގަނޑަށް އެހީތެރިވެދޭން ނުކުމެ ތިބި އާއިލާގެ މީހުންނާއި ރައްޓެހިން، ނަތީޖާ ނުކުތްއިރު ވަކި ކޮށްފައި އޮތީ. އަދި އެއްގޮތަކަށް އަޅުގަނޑާ އެއްކޮށް ބައިވެރިނުވާ އެހެން ދާއިރާތަކުގެ މީހުން، އެހެން ދޭތެރެއަކުން ކޮފީއަކަށް އަރާލާ މީހުން، ފޮޓޯއެއް ދައްކާފައި ވަކި ކޮށްފައި އެއޮތީ،" ސޯބެ ވިދާޅުވި އެވެ.

ސޯބެ ވިދާޅުވީ ހަރަދު ކުޑަކުރުމުގެ ނަމުގައި އެ މީހުން ވަޒީފާއިން ވަކިކުރި ނަމަވެސް، އެއްވެސް މަސައްކަތެއް ނުކުރުވައި ގޭގައި ބައިތިއްބާފައި ތިބި މީހުން ހަމަ އެ ކުންފުނިތަކުގެ ވަޒީފާގައި އެބަ ތިބި ކަމަށެވެ. އަދި މީހުން ވަޒީފާއިން ވަކިކުރަމުންދަނީ ކުންފުނިތަކުގައި ހެދިފައިވާ އުސޫލުތަކާއި ވެސް ހިލާފަށް ކަމަށާއި މިއީ މަޑުމަޑުން ތިބެންޖެހޭ ވަރުގެ ކަންތައްތަކެއް ނޫން ކަމަށް ސޯބެ ވިދާޅުވި އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ރޭގެ ޖަލްސާގައި ވަނީ މިފަދަ ކަންކަމާ ދެކޮޅަށް އަންނަ ބުރާސްފަތި ދުވަހު މުޅި ރާއްޖޭގައި މުޒާހަރާކުރަން ގަރާރެއް ފާސްކޮށްފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު