ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަން ކާމިޔާބު ކުރެއްވި އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ރައްޔިތުން މަޖިލީހުގެ މެމްބަރުކަމުގެ ހުވާކުރައްވައިފި އެވެ. 
މިއަދު ބާއްވާ މަޖިލީހުގެ ޖަލްސާގައި ސޯބެ ވަނީ ބައިވެރިވެވަޑައިގެންފައެވެ.ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާގެ މެންބަރުކަމުގައި ކުރިން ހުންނެވި މުހައްމަދު ސިނާންގެ މައްޗަށް ސާބިތުވެފައިވާ ދަރަންޏެއް ހުކުމާ އެއްގޮތަށް ދައްކާފައި ނުވާތީއެވެ. އެ މައްސަލައިގައި ސުޕްރީމް ކޯޓުން 12 އޭޕްރިލްގައި ކުރި ހުކުމާ ގުޅިގެން ސިނާންގެ މެންބަރުކަމުގެ ޝަރުތު ވަނީ އުނިވެފަ އެވެ.ވާދަވެރި ކެމްޕެއިނަކަށް ފަހު އޮތް އެ އިންތިހާބު ސޯބެ ކާމިޔާބުކުރެއްވީ 62 ވޯޓުގެ ތަފާތަކުންނެވެ.
ސޯބެ އަށް އެ އިންތިހާބުގައި 1،375 ވޯޓު ލިބިވަޑައިގެންނެވިއިރު ޕީއެންސީގެ ކެންޑިޑޭޓް ސޮޑާއަށް 1،313 ވޯޓު ލިބުނެވެ.
ސޯބެ އައްޑޫގެ މޭޔަރުކަން 10 އަހަރު ކުރެއްވި އެވެ. އެއީ، 2011 ވަނަ އަހަރު ފެށިގެން 2021 ވަނަ އަހަރާ ހަމައަށެވެ. އޭގެ ފަހުން ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރެއްވި އެވެ.