މަދިރި އާލާވާ ގޮތަށް ހުރި ތަންތަން ނައްތާލުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުރިއަށް ގެންދިޔަ ހަރަކާތުގައި މަދިރި އާލާވާ ގޮތަށް ހުޅުމާލޭގައި ހުރި ގިނަ އަދަދެއްގެ ތަންތަން ނައްތާލައިފި އެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރާއި އެ ކުންފުނީގެ އިސްވެރިންނާއި މުވައްޒަފުންގެ އިތުރުން ހިލޭސާބަހަށް މަސައްކަތް ކުރާ ގިނަ ބައެއްގެ ބައިވެރިވުމާ އެކު އިއްޔެ ހެނދުނު ފެށި "މަދިރިން ރައްކާ" ޕްރޮގްރާމްގައި މިހާރު ވެސް ވަނީ ބޮޑު ސަރަހައްދެއް ސާފުކޮށްފަ އެވެ.
އެޗްޑީސީން ބުނީ ހުޅުމާލެ 155 ވަނަ ފްލެޓާއި 163 ވަނަ ފްލެޓާ ދެމެދު އޮތް ސަރަހައްދު އިއްޔެ ކާމިޔާބު ކަމާއެކު ސާފުކޮށް ނިންމާލާފައިވާ ކަމަށެވެ. އެ ސަރަހައްދުގައި އެކަނިވެސް މަދިރި އާލާވާ ގޮތަށް 300 އަށްވުރެ ގިނަ ތަން ހުއްޓެވެ. އެހުރިހާ ތަނެއް މިހާރު ވަނީ ސާފުކޮށްފަ އެވެ.
އެޗްޑީސީން ބުނީ މި މަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދާނެ ކަމަށެވެ. އެގޮތުން ކޮންމެ ހޮނިހިރު ދުވަހަކު ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ސާފުކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކަމަށް ބުންޏެވެ.