މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ގާނޫނުގެ ދަށުން އެދި ހުށަހަޅާ ހުށަހެޅުންތައް ނުވަތަ ރައިޓް ޓު އިންފޮމޭޝަން (އާރުޓީއައި)ތަކުގެ ތެރޭގައި ކާކުކަން ނޭނގޭ ގޮތަށް 'ސައްހަ ނޫން' އާރުޓީއައިތައް ވެސް ގިނަވަމުންދާ ކަމަށް ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) މިއަދު ވިދާޅުވެއްޖެ އެވެ.
ގާނޫނުގެ ދަށުން ހޯދަން އެދޭ މައުލޫމާތުތައް ނުލިބުމާއި އާރުޓީއައި ހުށަހެޅުންތަކަށް އެއްވެސް ވަރަކަށް ޖަވާބުނުދީ، ސަރުކާރުގެ އިދާރާތަކުން އިހުމާލުވާކަމަށް ބުނެ ބައެއް ފަރާތްތަކުން ދަނީ ފާޑުކިޔަމުންނެވެ. އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިމްކޮމް)އިން ބުނެފައިވާ ގޮތުގައި އަހަރެއްގެ މައްޗަށް ގާތްގަނޑަކަށް 600 ޝަކުވާ ލިބޭއިރު، އޭގެ ތެރެއިން %90 އަކީ ޖަވާބެއް ނުދީ އެއްވެސް ވަރަކަށް އަޅާނުލައިގެން ހުށަހަޅާފައިވާ ޝަކުވާތަކެވެ.ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވީ މައުލޫމާތު ހޯދުމުގެ ނަމުގައި އެ ގާނޫނު "އެބިއުސް" ކުރަމުންދާ ކަމަށެވެ. ގިނަ އަދަދަކަށް އާރުޓީއައި ހުށަހެޅުމުން، އެ އާރުޓީއައިތަކަށް ޖަވާބު ދިނުމުގައި ދައުލަތުގެ އެކި އިދާރާތަކުން ވަރަށް ގިނަ ވަގުތު ހޭދަވާ ކަމަށް ވެެސް އޭނާ ވިދާޅުވި އެވެ.
އެ ވާހަކައަށް ރައްދު ދެއްވައި، އިންފޮމޭޝަން ކޮމިޝަނަރު އާހިދު ވިދާޅުވީ އާރުޓީއައި ގާނޫނުގެ ބޭނުން ނަހަމަ ގޮތުގައި އެއްވެސް ފަރާތަކުން ހިފާކަމުގެ ހެއްކެއް ފެންނަން ނެތް ކަމަށެވެ. އާރުޓީއައި ގާނޫނުގައި ބަޔާންކޮށްފައި އޮތަސް، ދައުލަތުގެ އިދާރާތަކުން އިސްވެ މައުލޫމާތު ހާމަކުރުމުގެ ޒިންމާ ފުރިހަމަ އަދާ ނުކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ ވާހަކަތަކާ ގުޅިގެން މިއަދު ނޫސްވެރިޔަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ތަރުޖަމާނު މުންދު ވިިދާޅުވި ގޮތުގައި ރައީސް އޮފީހަށް ހުށަހަޅާ އާރުޓީއައިތަކުގެ ތެރެއިން ގިނަ އާރުޓީއައިތަކަށް ޖަވާބު ވަނީ ދީފަ އެވެ.“ސައްހަ ފަރާތްތަކުން މީގެ ބައެއް ފަހަރު ބަލާލާއިރު އައިޑެންޓިޓީ ވެސް ދިމާނުވޭ. އޭގެ މާނައަކީ ސައްހަ ނިޔަތުގައި ސައްހަ ގޮތަށް، ޒިންމާދާރުކަމާއެކު ކުރައްވާ ސުވާލުތަކަށް ޖަވާބު އަރުވާނަމޭ،” މުންދު ވިދާޅުވި އެވެ. މިވަގުތު ޖަވާބު ނުދީ ހުރި އާރުޓީއައިތަކަކީ ވަގުތުން ޖަވާބު އެރުވުމަށް އުނދަގޫ އާރުޓީއައިތަކެއް ކަމަށާއި ނަމަވެސް އެ ސުވާލުތަކަށް ވެސް ޖަވާބު އެރުވުމަކީ ސަރުކާރުގެ އަމާޒު ކަމަށް މުންދު ވިދާޅުވި އެވެ.