ޚަބަރު
ޑޮލަރުގެ އަގު 23 ރުފިޔާއަށްވުރެ މައްޗަށް ދިޔައީ އިސްރާފުތަކުގެ ސަބަބުން: ފައްޔާޒު
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން ފެށުނުއިރު 17.50 ރުފިޔާގައި ހުރި ޑޮލަރުގެ އަގު މިއަދު 23 ރުފިޔާއަށްވުރެ މައްޗަށް ދިޔައީ ސަރުކާރުން ތަންފީޒުކުރަން ފެށި ސިޔާސަތުތައް މަދުވެގެން ނޫން ކަމަށާއި، އިގުތިސާދު ފުން އަނދަވަޅަކަށް ވެއްޓުނީ ސަރުކާރުގެ ބޮޑު އިސްރާފާއި ޚަރަދު ކުޑަނުކުރުމުގެ ސަބަބުން ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ މި ވެރިކަން ފެށުނުއިރު 17.50 ގައި ހުރި ޑޮލަރުގެ އަގު 23 ރުފިޔާއަށްވުރެ މައްޗަށް ދިޔައީ ސިޔާސަތުތައް މަދުވެގެން ނޫން ކަމަށެވެ. ޓީޖީއެސްޓީއާއި ގްރީން ޓެކްސް އަދި އެއާޕޯޓު ފީތައް ބޮޑުކުރުމުގެ އިތުރުން ކޮންމެ ފަތުރުވެރިޔެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރަން މަޖުބޫރުކުރުމުން ދައުލަތަށް ތާރީހުގައި ނުލިބޭ މިންވަރަށް ޑޮލަރުގެ އާމްދަނީ ލިބެމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ފައްޔާޒު އިތުރަށް ވިދާޅުވީ ފަތުރުވެރިކަމުގެ ވިޔަފާރިތަކުން ކުރަންޖެހޭ ހަރަދުތަކަށް ބޭނުންވާ ބޭރު ފައިސާގެ މިންވަރަށް ބެލުމެއްނެތި، ލިބޭ ބޭރުފައިސާ ސަރުކާރުގެ އިސްރާފުތަކަށް ޚަރަދުކުރުމަށް މާރުކުރަން މަޖުބޫރުކުރުމަކީ ވިޔަފާރިތައް ފުނޑި، ރާއްޖޭގައި އިންވެސްޓްކުރުމަށް ފަސްޖެހުން ގެނުވާނެ ކަމެއް ކަމަށެވެ.

އަދި ދިވެހި އިގުތިޞާދުގެ ވިންދަކީ ޓޫރިޒަމް ވިޔަފާރިތަކާއި މަސައްކަތްތެރިން ކަމަށްވާއިރު، އެ ވިޔަފާރިތައް އިނދަޖައްސާލުމަކީ ގައުމަށް ދެވޭނެ އެންމެ ބޮޑު ގެއްލުން ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.

ރާއްޖޭގައި ޑޮލަރުގެ ރަސްމީ އަގަކީ 15.42 ރުފިޔާ އެވެ. ނަމަވެސް ބޭރު ފައިސާގެ ވިޔަފާރިކުރާ ތަންތަނުންނާއި ކަޅުބާޒާރުގައި ޑޮލަރު ވިއްކަނީ ރަސްމީ ރޭޓަށް ވުރެ މާ ބޮޑުކޮށެވެ. އެގޮތުން މި ހަފްތާ ފެށުނުއިރު ކަޅުބާޒާރުގައި ޑޮލަރެއްގެ އަގު ވަނީ 22.10 ރުފިޔާ އަށް އުފުލިފަ އެވެ.

ރާއްޖެއަކީ މުޅިންހެން އިމްޕޯޓަށް ބަރޯސާވެފައިވާ ގައުމަކަށްވާއިރު ޑޮލަރުގެ އަގު ބޮޑުވުމާ ގުޅިގެން ބާޒާރުގައި ތަކެތީގެ އަގުތައް ދަނީ ވަރަށް ބޮޑަށް އުފުލެމުންނެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު