ވިޔަފާރި
ތިލަފުށީގައި އިންޓަނޭޝަނަލް އަދި ޑޮމެސްޓިކް ކީވޯލް ހަދަން ހަވާލުކޮށްފި
މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫއުގެ ދަށުން، އެ ތަނުގައި އިންޓަނޭޝަނަލް އަދި ޑޮމެސްޓިކް ކީ-ވޯލް ތަރައްގީކުރުމުގެ މަސައްކަތް ޗައިނާ ހާބަ އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ) އާ މިއަދު ހަވާލުކޮށްފި އެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެކަމަށް މިއަދު އެމްޕީއެލްގެ ހެޑް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. އެމްޕީއެލްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީކުންފުނީގެ ސީ.އީ.އޯ ކެޕްޓަން ހުސެއިން ޝަފީގުއެވެ. އަދި ސީ.އެޗް.އީ.ސީގެ ފަރާތުންސޮއިކުރެއްވީ އެ ކުންފުނީގެ ކަންޓްރީ މެނޭޖަރު މާއޯ ބާއޯ އެވެ.

އެއްބަސްވުމުގެ ދަށުން ކުރަން ހަމަޖެހިފައިވާ މުހިންމު މަސައްކަތްތައް:

  • އިންޓަނޭޝަނަލް ކީ-ވޯލް: ބައިނަލްއަގުވާމީ މުދާ އުފުލާ ކޮންޓެއިނަރު ބޯޓުފަހަރަށް ހާއްސަކޮށްގެން 14.6 މީޓަރު ފުންމިނުގެ 375 މީޓަރު ދިގު ކީ-ވޯލްއެއް ހެދުން.
  • ޑޮމެސްޓިކް ކީ-ވޯލް: ރާއްޖޭގެ އެތެރޭގެ ދަތުރުފަތުރުގައި ބޭނުންކުރާ އުޅަނދުފަހަރަށް ހާއްސަކޮށް 5 މީޓަރު ފުންމިނުގެ 820 މީޓަރު ދިގު ކީ-ވޯލްއެއް ހެދުން.

މި މަޝްރޫއުގެ ބައެއް މަސައްކަތްތައް މިދިޔަ މަހުގެ 1 ގައި އެމްޓީސީސީއާ ވެސް ވަނީ ހަވާލުކޮށްފަ އެވެ. އެއީ 100 މީޓަރުގެ ޑޮމެސްޓިކް ކީ-ވޯލްއަކާއި، ތިން ހެކްޓަރުގެ ސަރަހައްދެއް ޕޭވްކުރުމުގެ މަސައްކަތެވެ.

މުޅި މަޝްރޫއު އެއްކޮށް ނިމޭއިރު ތިލަފުށީ ބަނދަރުގައި 1,000 މީޓަރަށްވުރެ ދިގު ބައިނަލްއަގުވާމީ ކީ-ވޯލްއެއްގެ އިތުރުން، މާލޭގެ ނޯތު ހާބަރާއި ސައުތު ވެސްޓް ހާބަރު ބޭނުންކުރާ އުޅަނދުތަކަށް ހާއްސަކޮށް 2,000 މީޓަރަށްވުރެ ދިގު ކީ-ވޯލް ހިމެނޭ ޑޮމެސްޓިކް ޓާމިނަލެއް އޮންނާނެ އެވެ.

މިހާރު މާލޭ ވިޔަފާރި ބަނދަރަށް އަންނަ ކާގޯ ބޯޓުފަހަރަށް މުދާ އެރުވުމާއި ބޭލުމަށް ގާތްގަނޑަކަށް ހަތް ދުވަހުގެ މުއްދަތެއް ބަނދަރުގައި ހޭދަކުރި ނަމަވެސް، އައު ބަނދަރުގެ ހިދުމަތް ފެށުމުން މިވަގުތު ގާތްގަނޑަކަށް ދެ ދުވަހުގެ މުއްދަތަށް ކުޑަވެގެންދާނެއެވެ. މިއީ މުދާ އެތެރެކުރާ ފަރާތްތަކާއި ޝިޕިން ލައިންތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެކެވެ. އަދި މީގެއިތުރުން ބަނދަރުގެ ސަރަހައްދުން ޒަމާނީ ވެއަ ހައުސްގެ ހިދުމަތް ލިބި، ކޮންޓެއިނަރު ކްލިއަރަކުރުމުގެ އޮޕަރޭޝަންސްތައް ލުއިފަސޭހަވެގެންދާނެއެވެ.

ތިލަފުށީ ބަނދަރުގައި ޤާއިމްކުރެވޭ ވަޞީލަތްތަކާއެކު، މިހާރު އަންނަ ބޯޓުފަހަރަށްވުރެ ބޮޑެތި ބޯޓު އަންނަން ފެށުމުން މުދަލުގެ ފްރައިޓް ކުޑަވެ، އާންމު ރައްޔިތުންނަށް މުދާ ލިބޭ އަގު ހެޔޮވުމަށް މަގު ފަހިވެގެންދާނެ ކަމެކެވެ. މި މަޝްރޫއު ނޮވެމްބަރު 11، 2027 ގެ ނިޔަލަށް ނިންމުމަށް ވަނީ އަމާޒު ހިފައިފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު