ޚަބަރު
25 ރަށެއްގައި ސޯލާ ހައިބްރިޑް ނިޒާމުތައް އިފްތިތާޙުކޮށްފި
ދިވެހި ސަރުކާރާއި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އަދި ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކް (އީއައިބީ) ގުޅިގެން ރ. އަތޮޅާއި ބ. އަތޮޅުގެ 25 ރަށެއްގައި ގާއިމުކުރި 6.4 މެގަވޮޓްގެ ސޯލާ ފޮޓޯވޮލްޓައިކް (ޕީވީ) ހައިބްރިޑް ކަރަންޓުގެ ނިޒާމުތައް ރަސްމީކޮށް އިފްތިތާހުކޮށްފި އެވެ.

މި ނިޒާމުތައް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ މިއަދު ރ. ކިނޮޅަހުގަ އެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ބުނި ގޮތުގައި މިއީ "ޕްރިޕެއަރިން އައުޓާ އައިލެންޑްސް ފޯ ސަސްޓެއިނަބަލް އެނަރޖީ ޑިވެލޮޕްމަންޓް" (ޕޮއިސްޑް) ޕްރޮޖެކްޓުގެ ދަށުން ކުރިއަށްދިޔަ މަސައްކަތެކެވެ.

ޕޮއިސްޑް މަޝްރޫއުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ 160 ރަށެއްގައި ގާއިމުކޮށްފައިވާ ޑީސަލުން ކަރަންޓު އުފައްދާ ނިޒާމުތައް ސޯލާ ޕީވީ ހައިބްރިޑް ނިޒާމުތަކަކަށް ބަދަލުކުރުމެވެ.

މި މަޝްރޫޢުގެ ދަށުން މިހާތަނަށް 72 ރަށެއްގެ މަސައްކަތް ނިމި، އެ ރަށްރަށުގައި އަންނަނީ ހައިބްރިޑް ނިޒާމުތައް ބޭނުންކުރަމުންނެވެ.

މި ރަށްތަކުގައި ޖުމްލަ 13.4 މެގަވޮޓް ޕީކްގެ ސޯލާ ޕީވީ އާއި، 10.6 މެގަވޮޓް އަވާގެ ބެޓަރީ އެނަޖީ ސްޓޯރޭޖް ސިސްޓަމް (ބީއީއެސްއެސް) ގާއިމުކުރުމާއި އަދި މިސިސްޓަމްތަކަށް ބޭނުންވާ އެނާޖީ މެނޭޖްމަންޓް ސިސްޓަމް (އީއެމްއެސް) ހަރުކުރުމާއި އަދި އެކަމަށް ބޭނުންވާ ގްރިޑް އަޕްގްރޭޑްކުރުންވެސް މީގެތެރޭގައި ހިމެނެ އެވެ.

މީގެ އިތުރުން 27 މެގަވޮޓްގެ ޑީސަލް ޖަނަރޭޓަރު ވެސް ވަނީ ފޯރުކޮށްދީފަ އެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ބުނި ގޮތުގައި މިއަދު މި އިފްތިތާހުކުރެވުނު 25 ރަށުގެ ނިޒާމުތަކުގައި ޖުމްލަ 6.36 މެގަވޮޓް ޕީކްގެ ސޯލާ ޕީވީ އާއި 10 މެގަވޮޓް އަވާގެ ބެޓަރީ އެނާޖީ ސްޓޯރޭޖް ސިސްޓަމް ހިމެނެ އެވެ.

މި ނިޒާމުތަކުން އަހަރަކު 10.4 ގިގަވޮޓް އަވާގެ ސާފު ހަކަތަ އުފައްދާނެ ކަމަށާއި މީގެ ސަބަބުން އަހަރަކު 3 މިލިއަނަށްވުރެ ގިނަ ލީޓަރުގެ ޑީސަލް ސަލާމަތްކުރެވި، ޖައްވަށް ދޫކުރާ ކާބަންޑައިއޮކްސައިޑްގެ މިންވަރު 8,400 މެޓްރިކް ޓަނުން މަދުކުރެވޭނެކަން އެ މިނިސްޓްރީން ފާހަގަކުރެ އެވެ.

ރަށްތަކުގެ ތަފުސީލު ބެޓަރީ ސްޓޯރޭޖް ކެޕޭސިޓީ (ކޭޑަބްލިޔުއެޗް) ސޯލާ ޕީވީ ކެޕޭސިޓީ (ކޭޑަބްލިޔުޕީ)

  • ރ. އަލިފުށި 0.00 | 29.70
  • ރ. ވާދޫ 412.16 | 250.80
  • ރ. ރަސްގެތީމު 412.16 | 257.40
  • ރ. އަނގޮޅިތީމު 412.16 | 250.80
  • ރ. މާކުރަތު 172.03 | 176.00
  • ރ. ރަސްމާދޫ 537.60 | 300.30
  • ރ. އިންނަމާދޫ 618.24 | 350.90
  • ރ. މަޑުއްވަރީ 344.06 | 400.40
  • ރ. އިނގުރައިދޫ 618.24 | 350.90
  • ރ. ފައިނު 412.16 | 250.80
  • ރ. މީދޫ 516.10 | 450.45
  • ރ. ކިނޮޅަސް 537.60 | 297.55
  • ރ. ހުޅުދުއްފާރު 344.06 | 250.80
  • ބ. ކުޑަރިކިލު 618.24 | 352.00
  • ބ. ކަމަދޫ 172.03 | 198.00
  • ބ. ކެންދޫ 344.00 | 249.70
  • ބ. ކިހާދޫ 537.60 | 321.75
  • ބ. ދޮންފަނު 537.60 | 301.40
  • ބ. ދަރަވަންދޫ 0.00 | 25.30
  • ބ. މާޅޮސް 716.80 | 396.00
  • ބ. އޭދަފުށި 0.00 | 35.20
  • ބ. ތުޅާދޫ 0.00 | 20.35
  • ބ. ހިތާދޫ 618.24 | 371.80
  • ބ. ފުޅަދޫ 537.60 | 217.80
  • ބ. ފެހެންދޫ 537.60 | 250.80
އިތުރު 23 ރަށެއްގައި މި ނިޒާމު ގާއިމް ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު އެ މަސައްކަތް ނިމޭނެ ކަމަށް ލަފާކުރަނީ އަންނަ އަހަރުގެ ތެރޭގަ އެވެ.

ޕޮއިސްޑް ޕްރޮޖެކްޓަކީ ގައުމީ ހަކަތައިގެ ލަނޑުދަނޑިތަކަށް ވާސިލުވުމަށް އެހީތެރިވެދޭ މަޝްރޫއެކެވެ. ސަރުކާރުގެ އަމާޒަކީ 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ %33އަކީ އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓަށް ހެދުމެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު