ގެދޮރުގެ ބޮޑެތި މަޝްރޫއުތަކާއި މަގުހެދުން ފަދަ ކަންކަމަށް އީއައިއޭ ހަދަން ނުޖެހޭ ގޮތް ހަދައިފި
މަގު ހެދުމާއި ގެދޮރު އިމާރާތްކުރުމުގެ މަޝްރޫއުތަކަށް ތިމާވެށީގެ ހާލަތު ބަޔާންކުރާ ރިޕޯޓް ނުވަތަ އީއައިއޭ ހަދަން ނުޖެހޭ ގޮތަށް ގަވާއިދަށް ބަދަލު ގެނެސްފި އެވެ. 
މިހާރު އާންމުކޮށްފައިވާ އިސްލާހުގައި، ދެން މި ގަވާއިދަށް ގެނައި މައިގަނޑު ބަދަލަކީ، އީއައިއޭ ރިޕޯޓް ހަދަންޖެހޭ ކަންކަން އިސްލާހުކުރުމެވެ. އެގޮތުން އެ ރިޕޯޓު ހަދަންޖެހޭ ކަންކަމާއި ހަދަން ނުޖެހޭ ކަންކަމުގެ ލިސްޓު ވަކިވަކިން ބަޔާންކޮށްފައިވެ އެވެ.
އީއައިއޭ ރިޕޯޓު ހަދަންޖެހޭ ކަންކަމުގެ ގޮތުގައި މީގެ ކުރިން ގަވާއިދުގައި ހިމަނާފައިވާ ބައެއް ކަންކަން އުނިކޮށް، އެ ކަންކަމަކީ އީއައިއޭ ހުށަނާޅާ ކުރެވޭނެ ކަންކަމުގެ ގޮތުގައި ލިސްޓުގައި ހިމަނާފައިވެ އެވެ.
އީއައިއޭގެ ގަވާއިދަށް އިސްލާހު ގެނައުމުގެ އިތުރުން ސަރުކާރުން މިދިޔަ އަހަރު ވަނީ އީޕީއޭގެ ނަން އެންވަޔަރުމެންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރުއޭ)ގެ ނަމަށް ބަދަލުކޮށ، އެ އިދާރާގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ވެސް ގެނެސްފަ އެވެ.
މަގު ހެދުމުގެ މަޝްރޫއުތައް ކުރިއަށްގެންދާއިރު، ތިމާވެއްޓަށް އެކަމުން ކުރާނެ އަސަރުތައް އެކަށީގެންވާގޮތެއްގައި ދެނެނުގަންނާތީ އާއި މިފަދަ މަޝްރޫއުތަކަށް ދުވަސްވީ ބޮޑެތި ގަސްތައް ކެނޑުމުގައި ވެސް އެކަންކަމަށް އެކަށީގެންވާ ގޮތެއްގައި ނުބަލާތީ ތިމާވެށީގެ ހިމާޔަތުގައި މަސައްކަތްކުރާ މީހުން މިހާރު ވެސް ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކުރެ އެވެ.