މާލޭ ވަށައިގެން އޮންނަ ރިންގްރޯޑުކަމަށްވާ ބޮޑު ތަކުރުފާނު މަގުގެ އުތުރު ފަޅި ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ފަށާފައިވާ މަޝްރޫއުގެ ތެރެއިން ނޯތު ހާބަރު ހިމެނޭ ސަރަހައްދުގެ މަގު ފުޅާކޮށް ޒަމާނީ ފެންވަރަށް ތަރައްގީކުރެވުމާއެކު، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން އެ ސަރަހައްދުގައި ފޯރުކޮށްދޭ ހިދުމަތްތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާކަމަށް އެ ކުންފުނިން ބުނެފިއެވެ. 
ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ރަސްމީ ފާލަމާ ހަމައަށް ބަންދުކޮށް، އެ މަގު ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތް ފެށީ މިދިޔަ މާޗު މަހުގެ 23 ގަ އެވެ.
މަގު ފުޅާކުރުމުގެ ސަބަބުން މުދާ އެރުވުމުގައި ލިބުނު ފަސޭހަތަކަށް އަލިއަޅުވައިލައްވަމުން އެމްޕީއެލްގެ ސެކްޝަން މެނޭޖަރު މުހައްމަދު އަޒަރު ވިދާޅުވީ ކުރީގައި މުދާ އަރުވަންޖެހެނީ އުޅަނދާއި ފާލަމާ ދޭތެރޭ ފިލާ ބަހައްޓައިގެން ދެ އުޅަނދު އެއްފަހަރާ ގާތްކޮށް އުޅަނދުތަކުގެ މެދުގައި ފިލާ ބަހައްޓައިގެން ކަމަށެވެ. އަޒަރު ވިދާޅުވީ އެގޮތަށް މުދާ އެރުވުމުގެ ތެރޭގައި މީހުން މޫދަށް ވެއްޓި އަނިޔާވުމާއި، މުދާ މޫދަށް ވެއްޓި މުދަލަށް ގެއްލުންވުންފަދަ ހިތާމަވެރި ހާދިސާތައް މެދުވެރިވެ، މީހުންނާއި މުދަލަށް ގެއްލުންވެފައި އެބަހުރި ކަމަށެވެ. ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތާ އެކު، އެ މަގު މިހާރު ވަނީ ދެގުނަ ފުޅާކޮށްފަ އެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އެތައް ބަޔަކަށް ބޮޑެތި ފަސޭހަތަކެއް ވަނީ ވެފަ އެވެ. އަދި މަގު ހަދަމުން އަންނަނީ ސައިކަލްތައް ޕާކް ކުރެވޭނެ ހާއްސަ ސަރަހައްދަކާ ވެސް އެކުގަ އެވެ. ޕާކިން ސަރަހައްދު ހަދަނީ ބޮޑުތަކުރުފާނު މަގުން ބޭންކް އޮފް މޯލްޑިވްސްގެ މައި އިމާރާތުގެ ކުރިމަތީގަ އެވެ.
ބޮޑުތަކުރުފާނު މަގުގައި ތާރު އަޅައި، ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫއުގެ ދަށުން ނޯތު ހާބަރުން ފެށިގެން ޖުމްހޫރީ މައިދާނާ ހަމައަށް ތާރު އަޅައި އެ ތަން މިހާރު އަންނަނީ ބޭނުންކުރަމުންނެވެ. އެ މަގު ފުޅާކުރުމުގެ ސަބަބުން އެ ސަރަހައްދުގެ ތޮއްޖެހުމަށް ވަރަށް ބޮޑަށް ލުޔެއް ވަނީ ލިބިފަ އެވެ.