
އެމްޓީސީސީން އިއްޔެ އާންމުކުރި މެސެޖެއްގައި ބުނެފައިވާ ގޮތުގައި، ގޫގުލް ޕްލޭ މެދުވެރިކޮށް މިހާރު މި އެޕްލިކޭޝަން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މި އެޕްލިކޭޝަން މެދުވެރިކޮށް ގްރޭޓާ މާލެ ސަރަހައްދުގައި ރައްކާތެރި، އިތުބާރުހުރި އަދި ތިމާވެއްޓާ ރައްޓެހި އިލެކްޓްރިކް ޓެކްސީތައް ފަސޭހަކަމާއެކު ބުކް ކުރެވޭނެކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.މީގެ އިތުރުން، މިހާތަނަށް ބޭނުންކުރަމުން އައި އެމްޓީއެލް ވެބް އެޕްލިކޭޝަން ވަރަށް އަވަހަށް ހުއްޓާލާނެކަން ފާހަގަކޮށް، ވެބް ޕްލެޓްފޯމް ބޭނުންކުރާ ހުރިހާ ކަސްޓަމަރުން ވީހާވެސް އަވަހަކަށް މޯބައިލް އެޕަށް ބަދަލުވުމަށް އެމްޓީސީސީން ވަނީ އިލްތިމާސްކޮށްފަ އެވެ. ވެބް އެޕްލިކޭޝަން ހުއްޓާލަން ނިންމީ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ކަސްޓަމަރުންނަށް ވަގުތުން ޓެކްސީ ޓްރެކްކުރުމާއި ފައިސާ ދެއްކުމުގެ ފަސޭހަތައް ފޯރުކޮށްދިނުމުގެ ބޭނުމުގަ އެވެ.މި އެޕްލިކޭޝަންގެ އެންޑްރޮއިޑް ވާޝަން އިއްޔެ ނެރެފައިވާއިރު، އެޕަލް ސްޓޯ މެދުވެރިކޮށް އައިއޯއެސް ޑިވައިސްތަކަށް މި އެޕް ނެރެފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. އެހެންކަމުން، މިހާރު ސްމާޓްފޯނު ބޭނުންކުރާ ގިނަ ކަސްޓަމަރުންނަށް ދެ ޕްލެޓްފޯމުންވެސް އެޕްލިކޭޝަން ލިބެން ހުންނާނެ އެވެ.އެމްޓީސީސީން ދަނީ ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް، ޒަމާނީ ވަސީލަތްތަކުގެ އެހީގައި ރައްޔިތުންނަށް ލުއިފަސޭހަ ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.