ވ. ތިނަދޫ ކައުންސިލުގެ ރައީސް ސުޖާއު ސަސްޕެންޑުކޮށްފި
ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު
ޕާޓީ ބަދަލުކުރި ކަމަށް ބުނެ، ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީގެ މަގާމުން ސަސްޕެންޑު ކޮށްފި އެވެ.
ކައުންސިލް ރައީސްގެ މަސްއޫލިއްޔަތުތަކުން ޝުޖާއު ސަސްޕެންޑުކުރަން އަންގާފައިވަނީ، ލޯކަަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ)ން އިއްޔެ އެ ކައުންސިލުގެ ނައިބު ރައީސް ސާމިރު އަހުމަދަށް ފޮނުވި ސިޓީއެއްގަ އެވެ. "ވީމާ މި އޮތޯރިޓީގެ ބޯޑުން ގޮތެއް ނިންމައި ވަކި ގޮތެއް އަންގަންދެން، ތިޔަ ކައުންސިލުގެ ރައީސް ޝުޖާއު އަލީ މަގާމުގެ މަސްއޫލިއްޔަތުން ވަގުތީ ގޮތުން އެއްކިބާވުމަށާއި ކައުންސިލް އިދާރާއަށް ނުނިކުތުމަށް ކައުންސިލުގެ ރައީސަށް އަންގަވައިދެއްވުން އެދެމެވެ." އެ ސިޓީގައިވެ އެވެ.
ނިމިދިޔަ ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކޮށް ކައުންސިލުތަކަށް ހޮވުނު ބައެއް ކައުންސިލަރުން ވެރިކަންކުރާ ޕީއެންސީއަށް ވެސް ބަދަލުވެފައިވެ އެވެ. އެކަމަކު މިއިން ކައުންސިލަރަކަށް މިހާތަނަށް ފިޔަވަޅު އަޅާފައެއްނުވެ އެވެ.
އެ މައްސަލާގައި ޝުޖާއުގެ ގޮނޑި ގެއްލިއްޖެ ކަމަށް އެލްޖީއޭ އިން ކަނޑައަޅައިފި ނަމަ އޭނާ ވާނީ ގޮނޑި ގެއްލުނު ފުރަތަމަ ކައުންސިލު މެމްބަރަށެވެ.