ޚަބަރު
އެލްޖީއޭގެ މުވައްޒަފުން ސިވިލް ސާވިސްގެ ދަށަށް ބަދަލުކުރަން މަޖިލީހުން ފާސްކޮށްފި
ލޯކަލް ކައުންސިލްތަކުގެ މަސައްކަތްތަކާއި ހަރަކާތްތައް ވިލަރެސް ކުރުމުގެ ޒިންމާ ގާނޫނުން މަތިކޮށްފައިވާ، ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ މުވައްޒަފުން ސިވިލް ސާވިސް ކޮމިޝަނަށް (ސީއެސްސީ)ގެ ދަށަށް ބަދަލުކޮށް އެ އޮތޯރިޓީއަށް މުވައްޒަފުން ނެގުމުގެ ބާރުވެސް ސީއެސްސީއަށް ދިނުމަށް ރައްޔިތުންގެ މަޖިލީހުން ދެންމެ ފާސްކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން މި އިސްލާހު ހުށަހެޅުއްވީ ފުވައްމުލަކު އުތުރު ދާއިރާ މެންބަރު ހަމަދު އަބްދުﷲ އެވެ.

މި ބިލް ހުށަހެޅި ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ލޯކަލް ކައުންސިލްތަކުގެ މަސައްކަތްތަކާއި ހަރަކާތްތައް ވިލަރެސް ކުރުމުގެ ޒިންމާ މަތިކޮށްފައިވާ އިދާރާ ކަމުގައިވާ ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން އެ އޮތޯރިޓީގެ މުވައްޒަފުންނަކީ ސިވިލް ސާވިސްގެ މުވައްޒަފުން ކަމުގައި ހަމަޖެއްސުމެވެ.

މީގެ އިތުރުން ރަށްރަށާއި ސިޓީތަކުގައި ގާނޫނުގެ ދަށުން ލޯކަލް ކައުންސިލްތަކުން ފޯރުކޮށްދޭންޖެހޭ އާންމު ހިދުމަތްތަކުގެ ތެރޭގައި ކުނި މެނޭޖުކުރުމުގެ ހިދުމަތް ވަނީ ހިމަނާފަ އެވެ.

ސީއެސްސީން އެ އޮނިގަނޑު ފާސްކުރާތާ 30 ދުވަހުގެ ތެރޭގައު މުވައްޒިފުންގެ މުސާރައިގެ އޮނިގަނޑު ނޭޝަނަލް ޕޭ ކޮމިޝަނުން ނިންމަންވާނެ ކަމަށާއި، މުސާރައިގެ އޮނިގަނޑު ޕޭ ކޮމިޝަނުން ކަނޑައަޅާތާ ގިނަވެގެން 60 ދުވަގުގެ ތެރޭގައި އޮތޯރިޓީގެ މުވައްޒަފުން އެ މަގާމުތަކަށް ބަދަލުކޮށް ނިންމަންވާނެ ކަމަށްވެސް ބިލުގައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބިލް ފާސްކުރީ ޖަލްސާގައި ތިއްބެވި 72 މެންބަރުންގެ ތެެރެއިން 59 ޕީއެންސީ މެންބަރުން ވޯޓު ދެއްވައިގެންނެވެ. ބިލް ފާސްކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ އިދިކޮޅު އެމްޑީޕީގެ 10 މެންބަރުންނެވެ.

 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު