ޚަބަރު
ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕް ނާޒިމަށް ؛ ތީ ފިތުނަ އުފައްދައި މީހެއް!
ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވަކިކުރަން ހުށަހެޅީ ބޮޑު ތިން ތުހުމަތެއް ކޮށްފައިކަން މިއަދު އެނގިއްޖެއެވެ.

މިއަދުގެ ވަގުތެއްގައި 73 މެންބަރުންގެ ސޮޔާއެކު ވަނީ ނާޒިމް ވަކިކުރަން މަޖިލީހަށް މައްސަލައެއް ވައްދާފަ އެވެ. އިއްޔެ ހެނދުނުގެ ވަގުތެއްގައި ރައީސް މުހައްމަދު މުއިއްޒު މަޖިލިސް މެންބަރުނާއި ވާހަކަ ދެއްކުމަށް ބޭނުންކުރާ ވަޓްސްއެޕް ގްރޫޕުން ވެސް ނާޒިމް ބޭރުކޮށްލި އެވެ.

ނާޒިމްގެ އިތުބާރު ނެތްކަމަށް ފާސްކުރަން ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ 73 މެންބަރުންގެ ސޮޔާއެކު މަޖިލީހަށް ހުށަހެޅި ގަރާރުގައިވާ ގޮތުން ނާޒިމްގެ އިތުބާރު ނެތް ކަމަށް ހުށަހެޅި އެއް ސަބަބަކީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ނަގާ ކަމުގެ ތުހުމަތެވެ. އަދި ދެވަނަ ތުހުމަތަކީ މަޖިލީހުގެ މަސްލަހަތު ނަގާލަން ހިތްވަރުދީ ޒިންމާއިން ބަރީއަވުން ކަމަށް އެ ގަރާރުގައިވެ އެވެ. 

"މަޖިލީހުގެ ނައިބު ރައީސްގެ މައްޗަށް އިތުބާރު ނެތް ކަމަށް މި ހުށަހަޅަނީ އެމަނިކުފާނުގެ މަގާމުގެ ނުފޫޒުން ނާޖާއިޒު ފައިދާ ނަގައި، ފިތުނަ އުފައްދައި ވަކި ފަރާތަކަށް ބުރަވެ، މަސްލަހަތު ގެއްލޭ ގޮތަށް ތަކުރާރު ކުރަމުންދާތީ އާއި ރައްޔިތުންގެ މަޖިލީހުގެ އެންމެހާ މަސައްކަތްތަކުގައި ވަކި ސިޔާސީ ފިކުރަކަށް ބުރަވެ، ތައައްސުބުވެފައި ވުމުގެ އިތުރުން މަޖިލީހުގެ މަސްލަހަތު ގެއްލުވާލަން މަޖިލީހުގެ ނައިބުރައީސް ހިތްވަރުދީ ޒިންމާއިން ބަރީއަވެފައި ވާތީ...،" އެ ގަރާރުގައިވެ އެވެ.

ޕީއެންސީގެ ސީނިއާ މަޖިލީސް މެންބަރަކު ވިދާޅުވި ގޮތުގައި ނާޒިމަށް ވަނީ އިސްތިއުފާދޭން އަންގާފައެވެ. އެކަމަކު، އޭނާ އެ ކަމަށް ދެކޮޅު ހެއްދެވީއެވެ. ނާޒިމް ވަކިކުރަން ނިންމީ އެހެންވެއެވެ.

މިހާރު ހިނގަމުން އަންނަ 20 ވަނަ ރައްޔިތުންގެ މަޖިލިހުގެ ރައީސްކަމަށް އަބްދުއްރަހީމް އަބްދުﷲ އަދި ނައިބު ރައީސަކަށް ނާޒިމް އިންތިހާބުކުރީ މޭ 28، 2024 ގަ އެވެ. ނާޒިމަށް މަޖިލިހުގެ ނައިބު ރައީސްކަން ލިބިވަޑައިގަތީ މަޖިލިހުގެ މެމްބަރުންގެ މެދުގައި ނެގި ވޯޓުގައި 80 ވޯޓު ހޯއްދަވައިގެންނެވެ. ނާޒިމާ ވާދަކުރެއްވި އެމްޑީޕީގެ މަރަދޫ ދާއިރާގެ މެމްބަރު އަހުމަދު ދީދީ އަށް ލިބިވަޑައިގަތީ 12 ވޯޓެވެ

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު