
ހޮޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު ޢަބްދުއްސައްތާރު މުޙައްމަދު (ސަޓޯ) ހުށަހެޅުއްވި ހުށަހެޅުއްވުމަށް ތާއީދުކުރެއްވީ ދުވާފަރު ދާއިރާގެ މެންބަރު މުޙައްމަދު ޢަލީއެވެ.ޢަބްދުއްސައްތާރު ހުށަހެޅުއްވީ، ނާޒިމްގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ނާޒިމް ޖަވާބުދާރީވެވަޑައިގަތުމަށް ބަހުސް ފެށުމުގެ ކުރިން 10 މިނެޓު، އަދި ކޮންމެ މެންބަރަކު ބަހުސްކުރުމަށް ތިން މިނެޓު ދޭ ގޮތަށް ބަހުސަށް 50 މިނެޓު ކަނޑައެޅުމަށެވެ. އޭރުން މި މައްސަލައަށް ހޭދަވާނީ އެއް ގަޑިއިރެވެ.އެމްޑީޕީގެ ފަރާތުން 20 މިނެޓުގެ ފުރުސަތެއް ނާޒިމަށް ޖަވާބުދާރީވާން ދިނުމަށް ހުށަހެޅި ނަމަވެސް، އެ ހުށަހެޅުމަށް ތާއީދެއް ނުލިބުނެވެ.ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައިވާ ގޮތުން މަޖިލީހުގެ ނައިބް ރައީސް މަގާމުން ވަކިކުރަން ހުށަހެޅޭނީ މަޖިލީހުގެ މެންބަރުންގެ ހަތަރުބައިކުޅަ އެއްބައި މެންބަރުންގެ ސޮޔާއެކު އެވެ. މަޖިލީހުގެ ނައިބް ރައީސް މަގާމުން ވަކިކުރެވޭނީ ޖަލްސާއަށް ހާޒިރުވެ ވޯޓު ދެއްވާ މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.