ޕީއެންސީގެ ތުހުމަތުތަކުގައި އެއްވެސް އަސާސެއް ނެތް: ނާޒިމް
އަބްދުﷲ މައުރޫފް
31 މެއި 2026 - 12:05
0 comments
ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް - ފޮޓޯ/ މަޖިލިސް
ޕީއެންސީގެ ތުހުމަތުތަކުގައި އެއްވެސް އަސާސެއް ނެތް ކަމަށް ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.
ނާޒިމު މިއަދު ނެރުއްވި ނޫސްބަޔާނުގައި ވިދާޅުވީ އޭނާ މަގާމުން ވަކިކުރުމަށް ހުށަހަޅާފައިވާ ގަރާރުގައި އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތުތައް ސާބިތުކޮށްދިނުމަށް އެއްވެސް ހެއްކެއް ނުވަތަ ގަރީނާއެއް އެ ގަރާރުގައި ބަޔާންކުރައްވާފައި ނުވާ ކަމަށެވެ.
"މިހާތަނަށްވެސް މަޖިލީހުގެ ނައިބުރައީސްގެ ހައިސިއްޔަތުން ނުވަތަ މެންބަރެއްގެ ހައިސިއްޔަތުންވިއަސް އަޅުގަނޑު ކޮށްފައިވާ ނުވަތަ ނުކޮށް ދޫކޮށްލާފައިވާ ކަމަކާއި ގުޅިގެން އެއްވެސް މެންބަރަކު ނުވަތަ އެހެންވެސް ފަރާތަކުން، ޤާނޫނުއަސާސީއާއި ނުވަތަ މަޖިލީހުގެ ގަވާއިދާ ހިލާފުވެއްޖެކަމުގެ ޝަކުވާއެއް އުފުލާފައި ނުވާތީ، މިހުރިހާ ތުހުމަތުތަކަކީ އެއްވެސް އަސާސެއްނެތް ކަންތައްތަކެއްކަން ފާހަގަކުރަމެވެ،" ނާޒިމު ނެރުއްވި ނޫސްބަޔާނުގައި ވިދާޅުވެފައިވެ އެވެ.
ނާޒިމް ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމުގެ ވާޖިބުތަކާއި ޒިންމާތައް އަދާކޮށްފައިވާނީ ގާނޫނީ ހަމަތަކުގެ މަތިން ތެދުވެރިކަމާއި އަމާނާތްތެރިކަމާއި އެކުގަ އެވެ.
"އެއްވެސް ހާލަތެއްގައި މަގާމުގެ ޒިންމާއިން ބަރީއަވެ މަގާމުގެ ޒިންމާތައް އަދާކުރުމުގައި ފަސްޖެހިފައެއް ނުވާނެއެވެ،" މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން އިސްތިއުފާ ދެއްވަމުން ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ އެއްވެސް މެންބަރެއްގެ ވާޖިބެއް ނުވަތަ މަސްއޫލިއްޔަތެއް އަދާކުރުމަށް ހުރަސްއަޅާފައި ނުވާނެ ކަމަށާއި މެންބަރުންގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމަށް ގާނޫނުތަކާއި ގަވާއިދުތައް ތަންދޭ އެންމެ ފުޅާމިނެއްގައި ކަންކަން ފަހިކޮށްދީ މަގު ތަނަވަސްކޮށްދީފައިވާނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މެދުގައި މަސްލަހަތު ގެއްލޭނޭ ކަމެއް ކޮށްފައި ނުވާނެ ކަމަށާއި މަގާމުގެ ނުފޫޒު ބޭނުންކޮށްފައި ނުވާނެ ކަމަށާއި މަގާމުގެ ނާޖާއިޒު ފައިދާ ނަގާފައި ނުވާނެ ކަމަށްވެސް ނާޒިމް ވިދާޅުވެފައިވެ އެވެ. "ވުމާ އެކު އަޅުގަނޑާ މެދު ކުރައްވާފައިވާ އެންމެހާ ތުހުމަތުތަކަށް އެއްވެސް އިސްތިސްނާއެއް ނެތި އިންކާރު ކުރަމުން، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން މި ވަގުތުން ފެށިގެން އަޅުގަނޑު އިސްތިއުފާ ދީފީމެވެ."މަގާމުން އިސްތިއުފާ ދެއްވުމަށްފަހު ނާޒިމް ވިދާޅުވީ ދައުލަތުގައި ގާނޫނުގެ ވެރިކަން ނަގަހައްޓާ، ރައްޔިތުންނަށް އުފާވެރި ފާގަތި ދިރިއުޅުމެއް ހޯދައިދިނުމަށް މަސައްކަތް ކުރުމުގައި ދެމިހުންނަވާނެ ކަމަށެވެ.ނާޒިމް ނިސްބަތްވެވަޑައިގަންނަވާ، ވެރިކަންކުރާ ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުން އޭނާއަށް އިތުބާރު ނެތް ކަމަށް ނިންމައި އޭނާ މަޖިލީހުގެ ނައިބު ރައީސް ކަމުން ވަކިކުރުމުގެ މައްސަލައެއް މަޖިލީހަށް ހުށަހެޅީ މި މަހު 13ގައި ބޭއްވި ބައްދަލުވުމުގަ އެވެ.ޕީއެންސީން ހުށަހެޅި ގަރާރުގައި ބުނެފައިވަނީ، މަޖިލީހުގައި ފިތުނަ އުފައްދައި މަސްލަހަތު ގެއްލުވާލުމަށް އޭނާ ތަކުރާރުކޮށް މަސައްކަތްކުރައްވާފައިވާ ކަމަށެވެ. ގަރާރުގައި ބުނީ އިތުބާރު ނެތް ކަމަށް ހުށަހަޅަނީ:- އެ މަނިކުފާނުގެ މަގާމުގެ ނުފޫޒުން ނާޖާއިޒު ފައިދާ ނަގައި ފިތުނަ އުފައްދައި ވަކި ފަރަތާކަށް ބުރަވެ، މަސްލަހަތު ގެއްލޭ ގޮތަށް ތަކުރާރުކޮށް މަސައްކަތް ކުރައްވާތީ
- މަޖިލީހުގެ އެންެމެހާ މަސައްކަތްތަކުގައި ވަކި ސިޔާސީ ފިކުރަކަށް ބުރަވެފައިވުމުގެ އިތުރުން މަޖިލީހުގެ މަސްލަހަތު ގެއްލުވާލަން ހިތްވަރުދީ ޒިންމާއިން ބަރީއަވެފައިވާތީ
- މަޖިލީހުގެ ނައިބު ރައީސްގެ މަގާމުުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ވަކި އަތަކަށް ޖެހިފައިވާކަން ސާފުވާން އެނގެން އޮތުމުން
- އެންމެހާ މެމްބަރުންގެ ހައްގުތަކާއި އިމްތިޔާޒްތައް ހިމާޔަތްކޮށްދިނުމުގައި ފުޅާ ދާއިރާއެއްގައި އިހުމާލުވެފައިވާކަން ސާފުވާތީ
- ގާނޫނުއަސާސީން މެމްބަރުންނާ މަތިކޮށްފައިވާ ވާޖިބުތައް އަދާކުރުމުގައި ނައިބު ރައީސް ހުރަހަކަށް ވެފައިވާތީ
ނާޒިމަށް މަޖިލިހުގެ ނައިބު ރައީސްކަން ލިބިވަޑައިގަތީ މަޖިލިހުގެ މެމްބަރުންގެ މެދުގައި ނެގި ވޯޓުގައި 80 ވޯޓު ހޯއްދަވައިގެންނެވެ. ނާޒިމްއާ ވާދަކުރެއްވި އެމްޑީޕީގެ މަރަދޫ ދާއިރާގެ މެމްބަރު އަހުމަދު ދީދީ އަށް ލިބިވަޑައިގަތީ 12 ވޯޓެވެ. އަދި މަޖިލީހުގެ ނައިބު ރައީސްކަމުން ނާޒިމް އިސްތިއުފާ ދެއްވިއިރު، 17 ވަނަ މަޖިލީހުގައި ނައިބު ރައީސްކަން ވެސް އޭނާ ކުރެއްވި އެވެ.
ކިޔުންތެރިންގެ ޝުއޫރު