ވިޔަފާރި
ރިޒާވް ދަށަށް، ޔޫޒަބަލް ރިޒާޒްގައި ހުރީ 248 މިލިއަން ޑޮލަރު
ދައުލަތުގެ ރިޒާވް ދަށްވެ، ޔޫޒަބަލް ރިޒާވްގައި ހުރި އަދަދު ވެސް 248 މިލިއަން ޑޮލަރަށް ވެއްޓިއްޖެ ކަމަށް ހިސާބުތަކުން ދައްކައިފި އެވެ. 

މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކަށް ބަލާއިރު ޖޫން މަސް ނިމުނުއިރު ރަސްމީ ރިޒާވްގައި ހުރީ 686.83 މިލިއަން ޑޮލަރެވެ.

މިއީ މި އަހަރުގެ މޭ މަސް ނިމުނުއިރު ރަސްމީ ރިޒާވްގައި ހުރި މިންވަރަށްވުރެ 17.9 މިލިއަން ޑޮލަރު މަދު އަދަދެކެވެ.

ރަސްމީ ރިޒާވްގައި މި އަހަރުގެ މޭ މަސް ނިމުނުއިރު 704.77 މިލިއަން ޑޮލަރު ހުއްޓެވެ.

އެމްއެމްއޭ އިން ބުނި ގޮތުގައި، މި އަހަރުގެ މޭ މަހާ އަޅާބަލާއިރު ޖޫން މަހު ގްރޮސް ރިޒާވް ދަށްވުމުގެ މައިގަނޑު ސަބަބަކީ ބޭރު ފައިސާއިން ކުރި ހޭދަ އިތުރުވުމެވެ. 

މީގެ ތެރޭގައި ބޭންކިން ނިޒާމާއި މުދާ އިމްޕޯޓްކުރާ ފަރާތްތަކުން ބޭރު ފައިސާއަށް އޮތް ބޮޑު ޑިމާންޑް އިތުރުވުމުގެ ސަބަބުން އެމްއެމްއޭގެ ފޮރިން އެކްސްޗޭންޖް އިންޓަވެންޝަން ސިޔާސަތުގެ ދަށުން ބާޒާރަށް ވިއްކި ޑޮލަރުގެ މިންވަރު، ކުރީ މަހާ އަޅާބަލާއިރު 43 އިންސައްތަ ވަނީ އިތުރުވެފަ އެވެ. 

ޓީޓީ ސަޕޯޓަށް އެމްއެމްއޭއިން ކުރަންޖެހޭ ހަރަދު އިތުރުވުމަކީ ރުފިޔާގެ އަގު ހިފެހެއްޓުމަށް ކުރަންޖެހިފައިވާ ހޭދަ އިތުރުވެފައިވާކަމުގެ ނިޝާނެއް ކަމަށް މަރުކަޒީ ބޭންކުން ބުނެ އެވެ. 

"މިއިން ދޭހަކޮށްދެނީ ދިވެހި ރުފިޔާގެ އަގު ހިފެހެއްޓުމަށްޓަކައި އެމްއެމްއޭއިން ކުރަންޖެހޭ ހޭދަވެސް ބޮޑުވަމުންދާކަން،" އެމްއެމްއޭގެ ބަޔާނުގައި ބުނެފައިވެ އެވެ. 

ރަސްމީ ރިޒާވް މަހުން މަހަށް

  • ޖެނުއަރީ - 1.03 ބިލިއަން ޑޮލަރު
  • ފެބްރުއަރީ - 1.27 ބިލިއަން ޑޮލަރު
  • މާޗް - 1.33 ބިލިއަން ޑޮލަރު
  • އެޕްރީލް - 717.90 މިލިއަން ޑޮލަރު
  • މޭ - 704.77 މިލިއަން ޑޮލަރު
  • ޖޫން - 686.83 މިލިއަން ޑޮލަރު
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު