މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯއަށް ޒިޔާރަތް ކުރާ ފަރާތްތަކަށް އަގުހުރި އިނާމްތަކެއް ލިބިގެންދާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ހާމަކޮށްފި އެވެ.
އެމްއެމްއޭއިން ސޯޝަލް މީޑިއާގައި ހާމަކޮށްފައިވާ ގޮތުން އެކްސްޕޯއަށް ޒިޔާރަތްކުރާ ނަސީބުވެރި އެއް ފަރާތަކަށް ގްރޭންޑް ޕްރައިޒެއްގެ ގޮތުގައި 25000 ރުފިޔާ ލިބިގެންދާނެއެވެ. އަދި އޭގެ އިތުރުން ވެސް ގިނަ އިނާމުތަކެއް ލިބުމުގެ ފުރުސަތު އެބައޮތެވެ.
އެގޮތުން ލިބޭނެ އިނާމްތަކަކީ:
- އެކްސްޕޯ އޮންނަ ކޮންމެ ދުވަހަކު 5 އައިޕެޑް
- ކޮންމެ ދުވަހަކު 5000 ރުފިޔާގެ ހަނދާނީ ނޫޓުގެ 7 ނޫޓު
- 2 މެކްބުކް ނިއޯ
- 2 އެޕަލް އިއާޕޮޑް
- ހޯރަފުށީ އަރައިކު ބީޗް ވިލެޖްގައި 2 މީހަކަށް 3 ރޭގެ ފުލްބޯޑު ޕެކޭޖް
- 5000 ރުފިޔާގެ 3 ގިފްޓް ކާޑު
- 1000 ރުފިޔާގެ 12 ގިފްޓް ކާޑު
- 500 ރުފިޔާގެ 36 ގިފްޓް ކާޑު
މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ އޮންނާނީ އަންނަ ޖުލައި މަހުގެ ދެވަނަ ދުވަހުން ފެށިގެން ހަތަރުވަނަ ދުވަހުގެ ނިޔަލަށް ހުޅުމާލެ ސެންޓްރަލް ޕާކުގަ އެވެ. މިއީ ރާއްޖޭގައި ބާއްވާ މާލީ ދާއިރާގެ އެންމެ ބޮޑު އެކްސްޕޯ ކަމަށްވާއިރު، މި ހަރަކާތުގެ ތެރެއިން ބޭންކުތަކާއި އިންޝުއަރެންސް ކުންފުނިތަކުގެ އިތުރުން މާލީ އެކި ހިދުމަތްތައް ދޭ މުއައްސަސާތަކުގެ މައުލޫމާތު އެއް ފުރާޅެއްގެ ދަށުން ލިބިގެންދާނެ އެވެ.އެހެންކަމުން ވީހާވެސް ގިނަ ފަރާތްތަކުން މި އެކްސްޕޯއަށް ޒިޔާރަތްކޮށް، މާލީ މައުލޫމާތުތައް ހޯދުމާއެކު މި އަގުހުރި އިނާމުތައް ހޯދުމުގެ ފުރުސަތު ބޭނުންކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ވަނީ ދައުވަތު އަރުވާފަ އެވެ.