ވިޔަފާރި
ރަސްމާލެ މާސްޓަ ޕްލޭން ތައްޔާރުކުރަން ކޮންސަލްޓަންޓަކު ހޯދަނީ
މި ސަރުކާރުގެ އެންމެ ބޮޑު ވައުދު ކަމަށްވާ ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް ހިއްކަމުން އަންނަ ރަސްމާލޭގެ މާސްޓަޕްލޭން ހަދައިދޭނެ ބަޔަކު ހޯދަން ބީލަމަށް މިއަދު ހުޅުވާލައިފި އެވެ.

ފުށިދިއްގަރު ފަޅު ހިއްކައިގެން ތަރައްގީ ކުރާ ރަސްމާލެ މަޝްރޫއުގެ ޑިޒައިންކޮށް، އެތަން ތަރައްގީކުރާނެ ގޮތުގެ މާސްޓަ ޕްލޭން އެކުލަވާލަން، ކޮންސަލްޓެންސީ ދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ބިޑު ހުށަަހަޅަން ހުޅުވާލީ އަންނަ މަހުގެ 13 ވާ ހޯމަ ދުވަހުގެ 10 ޖެހުމާ ހަމައަށެވެ. 

މި ބީލަމާ ގުޅޭ ގޮތުން ބާއްވާ ޕްރީ-ބިޑް ބައްދަލުވުމެއް ނޯންނާނެ ކަމަށާއި ބީލަމަށް ޕްރޮޕޯސަލް ތައްޔާރުކުރުމުގައި އިތުރު މައުލޫމާތެއް ނުވަތަ ސާފުކުރަން ބޭނުންވާ ކަމެއްވާ ނަމަ، އަންނަ އާދިއްތަ ދުވަހު މެންދުރު ފަހު 2:00 ގެ ކުރިން procurement@infrastructure.gov.mv އީ-މެއިލް ކުރުމަށް އެދޭ ކަމަށް މިނިސްޓްރީން ބުންޏެވެ. 

މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ޖުމްލަ ހައްލެއް ގެނައުމަށް ފުށިދިއްގަރު ފަޅު ހިއްކަން ފެށީ މި ސަރުކާރުގެ އެންމެ ކުރީ ކޮޅު، 18 ޑިސެމްބަރު 2023ގަ އެވެ. 

އެ މަޝްރޫއު ފައްޓަވައިދެއްވުމަށް ފަހު ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ، ރަސްމާލެގެ ނަމުގައި އެ ސަރަހައްދު ތަރައްގީ ކުރަނީ މޫސުމީ ބަދަލުތަކުން ރައްކާތެރިކަން ލިބޭ ގޮތަށް އަރިމައްޗަށް ދެ މީޓަރު އަދި މެދަށް 3 މީޓަރު އުސްކޮށްކަމަށެވެ. އެއީ ޒީރޯ ކާބަން ސަހަރެއް ކަމަށް ވެސް ރައީސް އެ ދުވަހު ވިދާޅުވި އެވެ.

މީގެ އިތުރުން، ރަސްމާލެ އާއި މާލެ ގުޅާލާނީ ކަނޑުއަޑީގެ ޓަނަލް އަކުން ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު