
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީއިން މިހާރު ލީޑު ކުރަމުންދާ މި މަޝްރޫއުގެ ބިން ހިއްކުމުގެ މަސައްކަތުގެ ދަށުން "ސައިޓް އޭ"އިން މިހާތަނަށް 71 ހެކްޓަރުގެ ބިން ހިއްކާ ނިންމާފައިވާ ކަމަށް އެކުންފުނިން ބުނެ އެވެ. މާލެ އަތޮޅު ފުށިދިއްގަރުފަޅުގައި ރަސްމާލެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެއްޓެވީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ. ރަސްމާލެ ތަރައްގީކުރަނީ ތިމާވެއްޓާ ރައްޓެހި "އިކޯ ސިޓީ" އެއްގެ ގޮތުގައެވެ.ރަސްމާލެ މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާގެ ވަރަށް މުހިންމު ވައުދުފުޅަކަށްވާއިރު، ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިއަހަރު ބޭއްވި ރަސްމީ ޖަލްސާގައި، ޤައުމާ މުހާތަބުކުރައްވައި، ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ފަސް މަހެއްހާ ދުވަހުގެ ތެރޭގައި ރަސްމާލޭގައި ހިއްކޭ ބިމުން 15000 ގޯތި ދޫކުރުމަށް އިއުލާންކުރެވޭނެކަމުގައި ވިދާޅުވެފަ އެވެ.