ބީއެމްއެލްގައި އާންމުންނަށް 25 ޕަސެންޓް ފައިދާއާ އެކު ޑޮލަރު އިންވެސްޓްކުރެވޭ ގޮތް ހަދައިފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އިންވެސްޓްމަންޓް ޕޫލްތަކުގައި ޑޮލަރުން އިންވެސްޓްކުރުމުން %25އާ ހަމައަށް ރުފިޔާ އިން ފައިދާ ލިބޭ ގޮތަށް މިއަދު ހަދަައިފި އެވެ.
ބީއެމްއެލް އިން ފީގެ ގޮތުގައި އާމްދަނީ ލިބޭ ވިޔަފާރީގެ މުއާމަލާތްތަކަށް އިންވެސްޓްކުރުމުގެ ފުރުސަތު ހުޅުވާލުމަށް ފަހު، މިގޮތަށް އިންވެސްޓްކުރުމަށް ވިއްކާ ޑޮލަރުން ވިޔަފާރިކޮށްގެން ލިބޭ އާމްދަނީން ބޮޑު ފައިދާއެއް އިންވެސްޓްކުރާ ފަރާތްތަކަށް ދިނުމަށް ވަނީ ނިންމާފަ އެވެ.ކޮންމެ ދުވަހަކަށް ހުޅުވާލާ އެކި މިންވަރަށް ފައިދާލިބޭ އިންވެސްޓްމެންޓް ޕޫލްތަކުގެ ތެރެއިން އެ ވަގުތަށް އިންވެސްޓްކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ޕޫލްތަކުގެ މައުލޫމާތު ލިބިގަތުމާ އެކު، އިންވެސްޓްކުރުމުގެ މުއާމަލާތް އޮންލައިންކޮށް ފަސޭހަކަމާ އެކު ފުރިހަމަކުރެވޭނެ ގޮތް ބޭންކުގެ މޯބައިލް އެޕް އަދި އިންޓަނެޓް ބޭންކިން ތެރެއިން ވަނީ ތައާރަފުކޮށްފަ އެވެ.ބީއެމްއެލްގެ މީޑިއާ ޕާޓްނަރުންނާ އެކީ ހޮޓެލް ޖެންގައި "ޗެޓު ވިތު ސީއީއޯ" ނަމުގައި ބޭއްވި އިވެންޓެއްގައި މި ހިދުމަތް ތައާރަފުކޮށްދެއްވީ ބީއެމްއެލްގެ ސީއޯއޯ މުހައްމަދު ޝަރީފެވެ.ބޭންކުގެ މި ހިދުމަތީ، ޝަރީފް ވިދާޅުވި ގޮތުގައި، ބޭންކަށް ދިމާވެފައިވާ ޑޮލަރު ތާށިކަމުގެ މައްސަލަ ހައްލުކޮށް، ވަކިން ހާއްސަކޮށް ބޭންކުން ކުރާ ކާޑުގެ މުއާމަލާތްތަކަށް ބޭނުންވާ ޑޮލަރު ހޯދުމެވެ. ބީއެމްއެލްގެ މި އިންވެސްޓްމަންޓު ހިދުމަތް އޮންނަ ގޮތުން އިންވެސްޓުކުރަން ބޭނުންވާ މީހަކު ޑޮލަރު އިންވެސްޓުކުރުމުން އެމްއެމްއޭގެ ރަސްމީ ރޭޓު ކަމުގައިވާ 15.42ރ. ގައި ދިވެހި ރުފިޔާ ލިބެ އެވެ. މި ފައިސާ ބީއެމްއެލްއިން ބޭނުންކުރަނީ ކާޑު ޓްރާންސެކްޝަންތައް ފީ ލިބޭ މުއާލަމާތްތައް ފުރިހަމަކުރާށެވެ. މި މުއާމަލާތްތައް ފުރިހަމަކުރުމަށް ފަހު 25 ޕަސެންޓު، އިންވެސްޓަރުންނަށް ރުފިޔާއިން ޖަމާކޮށްދެ އެވެ.ޝަރީފު ވިދާޅުވީ މިއީ ބީއެމްއެލްއަށާއި އިންވެސްޓަރުންނަނާއީ އަދި އާންމުންނަށް ވެސް ފައިދާ ވާނެ ހިދުމަތެއް ކަމަށެވެ."މީގެ ސަބަބުން ބޭންކަށް ކާޑުގެ މުއާމަލާތްތައް ހުއްޓުމަަކަށް ނުގެނެސް އަދި ބަޖެޓު ނުކޮށް އިތުރަށް މި މުއާމަލާތްތައް ކުރިއަށް ގެންދެވޭނެ ވަސީލަތަކަށް ވާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" އޭނާ ވިދާޅުވި އެވެ. މިސާލަކަށް، 1،000 ޑޮލަރު އިންވެސްޓްކޮށްފި ނަމަ، 25 ޕަސެންޓްގެ ފައިދާއާ އެކު 19،275ރ. ލިބޭނެ އެވެ.
ޝަރީފު ވިދާޅުވީ، މި ޕްލެޓްފޯމާ އެކު ބޭންކަށް ލިބޭ ޑޮލަރު އިތުރުވުމުން، މިހާރު ކަނޑައަޅާފައިވާ ޑެއިލީ ލިމިޓްތަކަށް ލުއިތަކެއް ލިބޭނެ އެވެ.