
އެމްއެމްޓީވީން ގެނެސްދިން ޕްރޮގްރާމެއްގައި ނައިބު ރައީސް ވިދާޅުވީ އެމްޑީޕީ ސަރުކާރު ވެރިކަމުން ފޭބިއިރު ރާއްޖޭގައި އެކައްޗެއް ވެސް ނެތް ކަމަށާއި ރާއްޖޭގެ މިނިވަންކަން ވެސް އޮތީ ގެއްލޭ ހިސާބުގައި ކަމަށެވެ. މި ސަރުކާރުން ކުރަމުންދަނީ ގައުމު އަލުން އާރާސްތުކުރުމުގެ މަސައްކަތް ކަމަށާއި ގައުމުގެ އިޖުތިމާއީ ފޭރާން ގެއްލި، އާއިލީ ގުޅުންތައް އޮތީ ހީނަރުވެފައި ކަމަށެވެ.ނަމަވެސް، ރައީސް މުއިއްޒު ގެންދަވަނީ ކެތްތެރިކަމާއެކު ގައުމު ބިނާކުރުމުގެ މަސައްކަތް ކުރައްވަމުން ކަމަށާއި، ރައްޔިތުންނަށް ބުރައަކަށް ނުވާނެ ގޮތަށް ދަރަނިތައް ދައްކަވައި، މޯގޭޖުކޮށްފައިވާ ތަންތަން ސަލާމަތްކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވި އެވެ. އަދި ސިޔާސީ ވާދަވެރިންނަށް އިހުތިރާމުކުރުމާއެކު، ޒާތީނުވެ މަސައްކަތްކުރެއްވުމުގެ ރީތި ނަމޫނާ ރައީސް ދައްކަވަމުން ގެންދަވާ ކަމަށްވެސް ވިދާޅުވި އެވެ.ނައިބު ރައީސް މިހެން ވިދާޅުވިއިރު، ރިސޯޓުތަކަށް ލިބޭ ޑޮލަރު އާމްދަނީގެ 40 އިންސައްތަ މާރުކުރަން މަޖުބޫރުކުރުމުން ރިސޯޓު ވިޔަފާރިތައް ދެކޮޅު ނުޖެހި ބަނގުރޫޓުވެ، އެ ވިޔަފާރިތަކާ ގުޅުންހުރި ދެން ހުރި ވިޔަފާރިތަކަށް އަސަރުކުރާނެ ކަމަށް، އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު އިއްޔެ 'އެކްސް'ގައި ލިޔުއްވައިފައި ވެއެވެ.ފާހަގަކުރެވޭ ގޮތުގައި ރައްޔިތުންގެ މަޖިލީހުން މިދިޔަ ހަފުތާގައި ވަނީ ރިސޯޓުތަކަށް ލިބޭ ޑޮލަރު އާމްދަނީގެ 40 އިންސައްތަ ރާއްޖޭގެ ބޭންކުތަކަށް މާރުކުރަން ޖެހޭ ގޮތަށް ބޭރު ފައިސާގެ ގާނޫނަށް އިސްލާހު ގެނެސްފައެވެ. މިއީ ކުއްލިއަކަށް ގެނައި އިސްލާހެކެވެ.ގަވަރުނަރުގެ ވާހަކައާ ގުޅިގެން, މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް ނެރެފައެވެ. އެގޮތުން ރިސޯޓުތަކަށް ލިބޭ ޑޮލަރު އާމްދަނީގެ 40 އިންސައްތަ ރާއްޖޭގެ ބޭންކުތަކަށް މާރުކުރުމަކީ އެ ވިޔަފާރިތަކަށް ތަހައްމަލު ކުރެވޭނެ ބުރައެއް ނޫން ކަމަށް މަޓީގެ ބަޔާނުގައިވެއެވެ.