އޮފް ސީޒަނާ ދިމާކޮށް އެމްއެމްއޭ އިން ބޭންކްތަކަށް 25 ޕަސެންޓް އިތުރަށް ޑޮލަރު ދޫކުރަނީ
ފަތުރުވެރިކަމުގެ އޮފް-ސީޒަން ދުވަސްވަރާ ދިމާކޮށް މަރުކަޒީ ބޭންކު، އެމްއެމްއޭއިން ބޭންކުތަކަށް ޑޮލަރު ވިއްކާ މިންވަރު %25 އިތުރުކުރަން ނިންމައިފި އެވެ.
އެމްއެމްއޭއިން އެގޮތަށް އަމަލު ކުރަން ފަށާނީ މިމަހުގެ 28 އިން ފެށިގެންނެވެ. އަދި ކުރިއަށް އޮތް ތިން މަހުގެ ކޮންމެ ހަފްތާއަކު ވެސް ބޭންކްތަކަށް ދޫކުރާނީ ޑޮލަރު އިތުރަށެވެ.
އެމްއެމްއޭ އިން ބުނީ، ބޭންކުތަކަށް ބޭރު ފައިސާ އިތުރަށް ދޫކުރުމަށް ނިންމީ، ޓޫރިޒަމުން ލިބޭ ބޭރު ފައިސާގެ މިންވަރު ދަށްވާ ދުވަސްވަރެއްގައި، ރާއްޖޭން ބޭރަށް ފޮނުވަންޖެހޭ ފައިސާގެ ޑިމާންޑް އެއްވަރެއްގައި ހުރުމުން ކުރިމަތިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ކަމަށެވެ. މިއީ ބޭންކިން ނިޒާމުގެ ތެރޭގައި އޮތް ބޭރު ފައިސާގެ ދަތިކަން ކުޑަކުރުމަށާއި، ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ޑޮލަރު ފަސޭހައިން ލިބޭނެ މަގު ފަހިކޮށްދިނުމަށް މަރުކަޒީ ބޭންކުން އެޅި ވަގުތީ ފިޔަވަޅެކެވެ."މިއީ ބޭންކިން ނިޒާމުގެ ތެރޭގައި އޮތް ބޭރު ފައިސާގެ ދަތިކަން ކުޑަކުރުމަށާއި ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ޑޮލަރު ފަސޭހައިން ލިބޭނެ މަގު ފަހިކޮށްދިނުމަށް މަރުކަޒީ ބޭންކުން އެޅި ވަގުތީ ފިޔަވަޅެކެވެ،" އެމްއެމްއޭގެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.ރާއްޖޭގެ ބައެއް ބޭންކުތަކަށް ޑޮލަރު ލިބޭ އަދަދަށް ވުރެ ވިއްކާ އަދަދު ނިސްބަތުން ގިނަ ވުމުގެ ސަބަބުން އެކަމަށް ހައްލެއް ހޯދުމަށް އެ ބޭންކުތަކުން ވަނީ ބައެއް ފިޔަވަޅުތައް އަޅައިފަ އެވެ. އެގޮތުން، ދިވެހި ރުފިޔާ ކާޑުތަކުން ރާއްޖޭން ބޭރުގެ އީ-ކޮމާސް އަދި އޮންލައިން މުއާމަލާތްތަކަށް ދުވާލަކަށް ވަކި ލިމިޓެއް ވަނީ ކަނޑައަޅައިފަ އެވެ.