ކޮލަމް
ދިވެހިރާއްޖޭގެ ރަށްތައް މަރައިލުން!
ތ. މަޑިފުށި - ފޮޓޯ: މަޑިފުށި ކައުންސިލް
އަލްފާޟިލް އިބްރާހީމް ޙުސައިން މަނިކުގެ ކުރު ވާހަކަތަކަކީ، ދިވެހިރާއްޖޭގެ އަދަބީ ތާރީޚުގައި ފެނިފައި ވާ އެންމެ ފުރިހަމަ މަސައްކަތްތަކުގެ ތެރޭގައި ހިމަނާން ޖެހޭ ވާހަކަތަކެކެވެ. ހަމައެކަނި ފަންނީ ފެންވަރާއި އަދަބީ ފެންވަރަށް ޓަކައެއް ނޫނެވެ. ދިވެހިރާއްޖޭގެ އިޖުތިމާޢީ ޙާލަތަށް އަންނަމުން ދިޔަ ނުބައި ބައެއް ބަދަލުތަކާއި އެ ބަދަލުތަކާ އެކު ޤައުމުގެ މުސްތަޤުބަލަށް ވެދާނޭ ގޮތް، އޭނާގެ ވާހަކަތަކުގައި ދައްކަވައިދެއްވައިފައި ވާލެއް ފުރިހަމަކަމަށް ޓަކައެވެ. މިއީ އެންމެ މޮޅު އަދީބުންގެ އަދަބީ މަސައްކަތްތަކުން ފެންނަ ޚާއްޞަ ސިފައެކެވެ. އާދެ، އިންސާނީ، ޤައުމީ، އިޖުތިމާޢީ ޙަޤީޤަތްތައް އިޚްލާޞްތެރި ހިތަކުން ޢާއްމު ދޭހައިގެ ފެންވަރަށް ތިލަ ކޮށްދިނުމެވެ.

އިބްރާހީމް ޙުސައިން މަނިކުގެ އެތައް ކުރު ވާހަކަޔަކުން ދައްކައިދިން އެންމެ މުހިއްމު އެއް ޙަޤީޤަތަކީ، 1970، 1980، 1990 ގެ އަހަރުތަކުގެ ތެރޭގައި، ދިވެހި ސަރުކާރުގެ ނުބައި ސިޔާސަތުތަކެއްގެ ސަބަބުން ރާއްޖޭގެ ރަށްތައް "މަރަމުން" އައި ގޮތުގެ ޙަޤީޤަތެވެ. "ހުސް ވީ މަތިވަރު"، "ފަސް ބަދަލު ވުން"، "ކުރަނގި މާރަނގަ"، އަދި "ތޮއްޑޫ ދަތުރު" ފަދަ ވާހަކަތައް ކިޔައިލުމުން، މި ދަންނަވާ ޙަޤީޤަތަށް ލޯ ހުޅުވައިދެއެވެ.

ދިވެހިރާއްޖޭގެ ރަށްތަކަކީ ކުޑަކުޑަ، ފަޤީރު، އެހެން ނަމަވެސް އަމިއްލަ ފައިމަތީ "ހިނގަމުން" އައި މުޖުތަމަޢުތަކެކެވެ. އެތައް ޤަރުނަކުއްސުރެއެވެ. އެ މުޖުތަމަޢުތަކުގައި މަސައްކަތްތެރީން ތިއްބެވެ. އެއިރުގެ ފެންވަރުން، ތަންދޮރު ދަންނަ މީހުން ތިއްބެވެ. ދީނީ ޢިލްމާއި ދަނޑުވެރިކަމާއި މަސްވެރިކަމާއި ނެވިނިޔަމިކަން ދަންނަ މީހުން ތިއްބެވެ. އެހެންކަމުން، އެމީހުންގެ ދިރިއުޅުމުގެ ކަންކަން އެމީހުން ހަމަޖައްސަމުން އައީ އަމިއްލަ ފުދުންތެރިކަމެއްގައެވެ. ނަމަވެސް މިކަން ބަދަލު ވާން ފެށީ، 1970 އިން ފެށުނު ދަހަރުގެ ފަހުކޮޅު ނުވަތަ 1980 އިން ފެށުނު ދަހަރުގެ ތެރޭގައި، ސަރުކާރުގެ ސިޔާސަތުތަކުގެ ތެރެއިން، ރާއްޖެތެރޭގެ ރަށްތަކުގެ ޢާއިލާތައް އަމިއްލަ ރަށް ދޫކޮށްލައި މާލެ ބަދަލުވުމުގެ ބޮޑު އޮއިވަރެއް ފެށުމުންނެވެ. އަޅުގަނޑުމެން އެންމެން ވެސް ކިޔާ ގޮތުގައި، މި އޮއިވަރެއް ފެށުނީ ތަޢުލީމާއި، ޞިއްޙަތު ފަދަ ހުރިހައި ޚިދުމަތްތަކެއް މާލެއިން އެކަނި ލިބޭތީއެވެ. 

ރަނގަޅެވެ! ޤައުމުގެ ހުރިހައި ހިސާބެއް އެއް ފަދަޔަކުން، އެއް މިންވަރަކަށް ތަރައްޤީ ކުރުމަކީ އެއްވެސް ޤައުމެއްގައި، އެއްވެސް ސަރުކާރެއްގައި، ކުރެވޭނެ ކަމެއް ނޫނެވެ. ޚާއްޞަކޮށް ރާއްޖެ ފަދަ، އާމުދަނީގެ ވަސީލަތްތައް މަޙުދޫދު ޤައުމެއްގައެވެ. ވީމާ، ރަނގަޅު ހަސްފަތާލާއި ރަނގަޅު މަދަރުސާތަކާއި ރަނގަޅު ކޮލެޖުތަކާއި ޔުނިވަރުސިޓިތައް އެންމެ ފުރަތަމަ މާލޭގައި ޤާއިމު ކުރުމަކީ މައްސަލައެއް ކަމަށް ނުވެދާނެއެވެ. ނަމަވެސް، މާލެއިން ފެށޭ ތަރައްޤީ ރާއްޖެތެރެޔަށް ވެސް އެކަށޭނަ މުއްދަތެއްގެ ތެރޭގައި ފެތުރިގެން ނުދާ ގޮތަށް ދިވެހި ސަރުކާރުތަކުން ކަން ކޮށްފައި އޮތުމަކީ، ނުބައި ސިޔާސަތެވެ. 
މި ސިޔާސަތުގެ ނަތީޖާ އައި ގޮތް، މަތީގައި އެ ވާހަކަތަކަކަށް އިޝާރާތް ކުރެވުނު ކުރު ވާހަކަތަކުން ފެންނާނެ އެވެ. 

އެ ވާހަކަތަކުގެ އަލީގައި ފުންކޮށް ވިސްނައި ފިކުރު ހިންގުމުން، އެ ސިޔާސަތުތަކަކީ ރާއްޖޭގެ ރަށްތައް "މަރައިލުމެއްކަން" އެނގޭނެއެވެ. އާދޭހެވެ! އެ ސިޔާސަތުތަކުގެ ސަބަބުން ރާއްޖޭގެ ރަށްތަކުގެ އެތައް ޢާއިލާއެއް އަމިއްލަ ރަށް ދޫ ކޮށްލީއެވެ. އެމީހުންގެ ގެދޮރު ފަޅު ވީއެވެ. ރަށްތަކުގެ އާބާދީގެ ހެދިފޯދުން މަޑު ޖެހުނީއެވެ. އެ ރަށްތަކުގައި ތިބި ދަނޑުވެރިކަމާއި، މަސްވެރިކަމާއި، ނެވިނިޔަމިކަމާއި، އަދި އެހެނިހެން ޢިލްމުތަކުގެ އެތައް އަހުލުވެރީންނެއް ރަށް ދޫ ކޮށްލުމުން، އެމީހުންގެ ޢިލްމީ މަސައްކަތުގެ ފައިދާތަކުން ރަށްތައް މަޙުރޫމު ވީއެވެ. އެމީހުންގެ ޢިލްމީ ގިޔާދަތުގެ ފައިދާތަކުން ރަށްތައް މަޙުރޫމު ވީއެވެ. ރަށްރަށުން މާލެ އައި ޢާއިލާތަކާ އެކު، ރަށްރަށުގެ އެތައް ޖީލެއްގެ ޒުވާނުންގެ މަސައްކަތްތެރިކަމާއި ޙިއްޞާއިން، ރަށްރަށުގެ އިޤްތިޞާދުތައް މަޙުރޫމު ވީއެވެ. މީގެ އާޚިރު ނަތީޖާ އަކީ، ރާއްޖޭގެ އެތައް ރަށަކީ "ފަންކްޝަނިންގ" މުޖުތަމަޢުތަކުގެ ގޮތުގައި އޮތް އޮތުން ނިމުމަކަށް އައުމެވެ. ރަށްރަށަށް "އިންސާނީ ވަސީލަތް ގެއްލުމުގެ ކާރިސާއެއް" ކުރިމަތި ވުމެވެ.

އަޅުގަނޑަށް އެނގޭ ގޮތުގައި، މި ބޮޑު އިޖުތިމާޢީ މައްސަލަޔާ މެދު އަޅުގަނޑުމެންގެ ތެރޭގައި އެކަށީގެންވާ ފަދަ ޢިލްމީ ތަޙުޤީޤުތަކެއް، ދިރާސާތަކެއް ނުކުރެވެއެވެ. އޭގެ ނަތީޖާތަކާ މެދު ޢިލްމީ ގޮތުން އެކަށޭނަ ގޮތެއްގައި ވާހަކައެއް ވެސް ނުދެކެވެއެވެ. އަޅުގަނޑުމެންގެ ސިޔާސީ "ލީޑަރުންނޭ" ކިޔާ މީހުން ވެސް މި މައްސަލަޔާ މެދު ތަޅަނީ ތަޢައްޞުބީ އަނގައެވެ. ހަރުދަނާ ވާހަކަތަކެއް ނުދައްކައެވެ. ހަރުދަނާ ސިޔާސަތުތަކެއް ނުގެނެއެވެ. ހުރިހައި އެންމެން ވެސް ބާރެއް ލިބުމުން ކުރާ ކަމަކީ، އެއިރުއްސުރެ ހިންގެމުން އައި ނުބައި ސިޔާސަތު އިތުރަށް ނުބައި ކުރުމެވެ. މިހާރުގެ ސިޔާސަތުތައް މިހިރީ، މަޑުމަޑުން ގޮސް، އަތޮޅުތަކުގެ އެއްވެސް ރަށެއް، ޒަމާނީ މުޖުތަމަޢެއްގެ ގޮތުގައި ދެމިއޮތުން މުސްތަޙީލު ވާ މިޞްރާބަށެވެ. ރާއްޖެތެރޭގެ ހުރިހައި ހިސާބެއް މުޅީން ފަޅު ކޮށްލުމުގެ ނަތީޖާއާ ދިމާޔަށެވެ.

މި ވާހަކައިގެ ތެދުކަން އަމިއްލަ ލޮލުން ބަލައިލާން އެދޭ މީހަކު ވިއްޔާ، ރާއްޖޭގެ އެތައް ހިސާބެއްގައި، ދެހާހުން ތިން ހާހުން މީހުން ތިބި ރަށްތަކުގެ އާބާދީ ހާހެއްހައި މިންވަރަށް، ހާހުން ފަނަރަސަތޭކައިން މީހުން ދިރިއުޅުނު ރަށްތަކުގެ އާބާދީ ތިން ހަތަރު ސަތޭކަޔަށް ވެއްޓިފައި ވާ ގޮތް ބަލައިލުމުން ވެސް ފުދޭނެއެވެ. 
އަދިވެސް ވަގުތު އެބައޮތެވެ. ނަމަވެސް، ދެން ރާއްޖޭގެ ރަށްތައް ސަލާމަތް ވާނީ ވަރަށް ހަރުދަނާ، ޝާމިލު، އަދި އަވަސް ފިޔަވަޅުތަކެއް އަޅައިގެންނެވެ.

ކުރާން ވީ ކޮން ކަންތައްތަކެއް ހެއްޔެވެ؟ 

އެންމެ ފުރަތަމަ ކަމަކީ، ރާއްޖޭގައި މީހުން ދިރިއުޅޭ އާބާދީ މަރުކަޒުތަކުގެ ގޮތުގައި ތަރައްޤީ ކުރާނެ ފަސްދޮޅަހަކަށް ރަށް އިޚްތިޔާރު ކުރުމެވެ. ހުރިހައި އަތޮޅެއް ޝާމިލު ވާ ގޮތުންނެވެ. ދެވަނަ ކަމަކީ، އެ ރަށްތައް ހުޅުމާލެ ފުރަތަމަ ޕްލޭން ކުރި ގޮތަށް ޕްލޭން ކުރުމެވެ. އެޔަށްފަހު، މާލެ ސަރަޙައްދަށް ތަނެއްދޮރެއް ނުބަލައި ފައިސާ އޮއްސައިގެން ޤައުމުގެ މުއްސަނދިކަން އިސްރާފު ކުރުމުގެ ބަދަލުގައި، ތަރައްޤީ ކުރުމަށް އިޚްތިޔާރު ކުރެވޭ ރަށްތަކުގައި ޢުމްރާނީ އޮނިގަނޑާއި އިޖުތިމާޢީ ނިޒާމުތަކާއި އިޤްތިޞާދީ ކަންކަން ތަރައްޤީ ކުރުމެވެ. ދައުލަތުގެ ހުރިހައި މުއައްސަސާތަކަކާއި އިދާރާތަކަކާއި ކުންފުނިތަކެއް މާލޭގައި ބެހެއްޓުމުގެ ވިސްނުން ދޫކޮށް، މާލެއިން ބޭރު ކުރެވޭނެ ތަންތަން މި ދަންނަވާ ރަށްތަކަށް، ހުރިހައި ހިސާބަކަށް މީޒާންހަމަ ވާނޭ ގޮތަކަށް، ބަދަލު ކުރުމެވެ. ތަޢުލީމީ ނިޒާމު އިޞްލާޙު ކޮށް، ރާއްޖޭގެ ރަށްތަކަށް ބޭނުން ވާ ޢިލްމާއި ފަންނާއި މަސައްކަތްތެރިކަމުގެ ދާއިރާތަކުން ކުދީންނަށް ރަނގަޅަށް ކިޔަވައިދޭ ތަޢުލީމީ ނިޒާމެއް ބިނާ ކުރުމެވެ. 

ރާއްޖޭގެ ކޮންމެ ރަށަކީ ޢިލްމީ ގޮތުންނާއި އިޤްތިޞާދީ ގޮތުންނާއި އިޖުތިމާޢީ އެހެން ވެސް ދާއިރާތަކުގައި "އަމިއްލަ ފުދުންތެރިކަން" އޮންނަ މުޖުތަމަޢަކަށް ހެދުމަށް އަމާޒު ކޮށްގެން ސިޔާސަތުތައް ރާވައި ހިންގުމެވެ. މާލެޔާއި ހުޅުމާލޭގައި ހިންގާ "ރެންޓް އިކޮނޮމީ" ފުނޑުފުނޑު ކޮށްލައި، ދިވެހި ކޮންމެ ރައްޔިތަކީ ވެސް ހީވާގިކަމާއި މުރާލިކަމާ އެކު، އުފެއްދުންތެރި އަދި ހެޔޮ މަސައްކަތްތަކެއް ކޮށްގެން އާމުދަނީ ހޯދައިގެން، އެ އާމުދަނީން ފުދިގެން ދިރިއުޅޭ މީހަކަށް ހެދޭނެ މަގެއް ކޮށުމެވެ. ފުލެޓުތައް އަޅައަޅައިގެން މުޅި ޤައުމު މާލެޔަށާއި ހުޅުމާލެޔަށާއި މާލެ ކައިރީން "ރޭޕް ކުރާ" ފަޅުތަކަށް ޖަމާ ކުރުމުގެ ފަނާކުރަނިވި ވިސްނުން މުޅީން ދޫ ކޮށްލުމެވެ.

އަދިވެސް އިތުރު އެތައް ކަމެއް މި މައުޟޫޢުގައި ފާހަގަ ކުރެވިދާނެއެވެ. ނަމަވެސް، މި މިންވަރުން ވެސް ދަންނަވާން މި އުޅޭ އެއްޗެއް ސާފު ވާނެކަމަށް ބަލައި، ކުރު ކޮށްލާނަމެވެ


--

ނޯޓް: މި ލިއުމަކީ ޖުޑިޝަލް އެކަޑަމީގެ ކުރީގެ ޗާންސެލަރު އަހުމަދު މާޖިދުގެ ފޭސްބުކް ސަފުހާއިން ނަގައިފައިވާ ލިއުމެކެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު